07 Dec 2017, 16:07
ބޭރުގެ ވިޔަފާރީވެރިން ރާއްޖޭގައި އިންވެސްޓް ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫ ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ މިއަދު ހެނދުނު ޗައިނާގާއި ހުންނަ ރާއްޖޭގެ އެމްބަސީގައި ކުރިއަށް ދިޔަ ބިޒްނަސް ލީޑާސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ ރާއްޖެއަކީ ވަސީލަތްތައް މަދު ވިޔަފާރީގެ ވެސް ފުރުސަތުތައް ނެތް ގައުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫންކަން އެންމެ ބޮޑަށް ޔަގީންވާނީ ރާއްޖޭގައި ނަފާދާރު އިންވެސްޓްމަންޓްތަކެއް ކުރާ ބޭރުގެ އިންވެސްޓަރުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް އިގްތިސޯދީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހުޅުމާލެ ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމަކީ ވެސް ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރަމުންދާ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ފޮރިން އިންވެސްޓްމަންޓް ގާނޫނާއި ސްޕެޝަލް އިކޮނަމިކް ޒޯންގެ ގާނޫނުން ބޭރުގެ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށާއި އެ ފަރާތްތަކަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުރިހާ ވިޔަފާރީވެރިނަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޗައިނާއިން ވެ ދެއްވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.