07 Dec 2017, 16:04
ކުޅުދުއްފުށި އެއާޕޯޓު އަޅަން މޫދުން ހިއްކަން ޖެހޭ ހަ ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެއާޕޯޓު އަޅަން ހިއްކަން ހަމަޖެހިފައި ވަނީ މޫދުން ހަ ހެކްޓަރާއި ކުޅިން ނުވަ ހެކްޓަރެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ހުޝާމް މިއަދު 'ސަން' އަށް ވިދާޅުވީ މިހާރު މޫދުން ފަސް ހެކްޓަރު ނުވަތަ ހަ ހެކްޓަރު ބިން ހިއްކާފައިވާ ކަމަށެވެ.
ދެން ކުރިއަށް އޮތީ ކުޅިން ހިއްކަން ޖެހޭ ނުވަ ހެކްޓަރު ހިއްކުމުގެ މަސައްކަތް ފެށުން ކަމަށާއި މިހާރު ބަންޑް ވޯލް ޖަހަން ފަށާފައިވާ ކަމަށް ހުޝާމް ވިދާޅުވި އެވެ.
"އެ ސަރަހައްދުގެ ގަސްތައް ކަނޑައި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" ކުޅިން ހިއްކާ ތަނާ ބެހޭ ގޮތުން ހުޝާމް ވިދާޅުވި އެވެ.
ކުޅުދުއްފުށި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރި ނަމަވެސް އަދި އެއާޕޯޓު އަޅަން އަދި ބަޔަކާ ހަވާލެއް ނުކުރެ އެވެ. ނަމަވެސް އެ ރަށުގައި އެއާޕޯޓް އަޅަން 2018 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.