އިހަވަންދޫގައި މި ރޯދަ މަހު ކުރާ ތަރާވީހް ނަމާދާއި ހުކުރު ނަމާދު އިހަވަންދޫ ކޭބަލް ޓީވީ ސާވިސަސް އިން އެރަށަށް ލައިވްކުރަންފަށައިފި އެވެ.

އާބާދީގައި 2902 މީހުން ދިރިއުޅެމުން އަންނަ އިހަވަންދޫ ކައުންސިލްގެ ރައީސް މުހަންމަދު ސަމީރު މިއަދު ވިދާޅުވީ ރޯދަ މަސް ފެށުނީއްސުރެ ކޮންމެ ރެޔަކު ވެސް އެ ރަށުގެ އެންމެ ބޮޑު މިސްކިތް މަސްޖިދުއް ތައާވަންގައި ކުރެވޭ ތަރާވީހް ނަމާދުގެ އިތުރުން ހުކުރު ނަމާދު ވެސް އިހަވަންދޫ ކޭބަލް ލައިވް ކުރަން ފަށާފައިވާ ކަމަށެވެ. އެ ލައިވްގެ މަގުސަދަކީ ރަށުގައި ދީނީ ރޫހު އާލާކުރުން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށްވެފައި ދީނީ ރޫހު ރަށުގައި އާލާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފެއްޓިގެން ކުރިއަށް ގެންދާ މަސައްކަތެއް އެއީ. އަޅުގަނޑުމެން އިހަވަންދޫ ކޭބަލް ޓީވީ ސާވިސަސްގެ އެ މަސައްކަތަށް މަރުހަބާ ކިޔަން،" ސަމީރު ވިދާޅުވި އެވެ.

ތިންސަތޭކަ މީހުންގެ ޖާގައިގެ މަސްޖިދުއް ތައާވަންގައި އިމާމްވެ ތަރާވީހް ނަމާދު ކުރައްވަނީ ރޯދައަށް ހާއްސަ ކޮށްގެން އެ ރަށަށް ގެންގޮސްފައިވާ ޕާކިސްތާނުގެ ހާފިޒް އެކެވެ. އެ ރަށުގައި ދަނީ ދެ ހާފިޒަކު ތަރާވީހު ނަމާދާއި ހުކުރު ނަމާދު ކުރަމުންނެވެ.

ސަމީރު ވިދާޅުވީ އެއް ވީޑީއޯ ކެމެރާގެ އެހީގައި ތަރާވީހް ނަމާދު ލައިވް ކުރާ ވަގުތު އެހެން ޗެނަލްތަކުގެ ހިދުމަތް ހުންނާނީ މެދުކަނޑާލާފައި ކަމަށެވެ. ހަމަ އެކަނި ތަރާވީހް ނަމާދު ފޮނުވުމަށް އިހަވަންދޫގެ ކޭބަލް ޓިވީގެ ހިދުމަތް ކަނޑާލާފައި ހުންނާނީ ރޭގަނޑު 7:45 އިން ފެށިގެން 9:00 ޖަހަންދެން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް ނަމާދު ވަގުތުތަކުގައި މިކޮޅުން ކޭބަލް ކަނޑާލާނެ. އެކަމަކު މި ދުވަސްވަރު ރޭގަނޑުގެ އެގަޑީގައި ވެސް 9 ޖަހަންދެން ތަރާވީހް ނަމާދު އެކަނި ފެންނާނީ،" ސަމީރު ވިދާޅުވި އެވެ.