07 Dec 2017, 15:16
ޑޮލަރުގެ އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރަން ހުންނަ ޑޮލަރުގެ އަދަދު 179 މިލިއަން ޑޮލަރަށް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކުން މިއަދު އާއްމުކުރި މިދިޔަ މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ އޮކްޓޯބަރު މަސް ނިމުނު އިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބްލް ރިޒާވް، ވަނީ މަހުން މަހަށް އަޅާ ބަލާއިރު ހަ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި އަދަދަކީ 179 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ މާލީބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޔޫސެބަލް ރިޒާވްގެ ގޮތުގައި ހުރީ 191.9 މިލިއަން ޑޮލަރެވެ. އެހެންކަމުން މަސް ދުވަހުގެ ތެރޭގައި ވަނީ ރިޒާވުން 12.9 މިލިއަން ޑޮލަރު ދަށްވެފަ އެވެ.
ޑޮލަރުގެ ރިޒާވް ދަށްވުމުގެ ސަބަބެއްކަމަށް މަރުކަޒީ ބޭންކުގެ މާލީ ބަޔާނުގައި ބުނެފައި ވަނީ، އެ އޮތޯރިޓީ އަށް ޑޮލަރުން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ.
ޔޫސަބަލް ރިޒާވްގެ އިތުރުން ރަސްމީ ރިޒާވްގެ ގޮތުގައި މިދިޔަ އޮކްޓޯބަރު ހުރި ވަރު ވެސް ވަނީ މަހުން މަހަށް އަޅާބަލާ އިރު ފަސް ޕަސެންޓް ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ މާލީބަޔާނުގައި ބުނެފައިވެ އެވެ. އެހެން ކަމުން އޮކްޓޯބަރު މަސް ނިމުނު އިރު ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 494.4 މިލިއަން ޑޮލަރެވެ.
މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ދައުލަތުގެ ހަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް ނުވަތަ "ގްރޮސް އިންޓަނޭޝަނަލް ރިޒާވްސް" އަކީ އެމްއެމްއޭގައި ޔޫއެސް ޑޮލަރުން ހުންނަ ރިޒާވް އެވެ. އަދި ޔޫޒަބަލް ރިޒާވް އަކީ ގްރޮސް އިންޓަނޭޝަނަލް ރިޒާވްސް (ރާއްޖޭގެ ރަސްމީ ރިޒާވް) އިން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީ އުނި ކުރުމުން ބާކީވާ އަދަދެވެ. ޔޫޒަބަލް ރިޒާވްސް އިން ދައްކައި ދެނީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުން ކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.