ފެނަކައަށް ގިނަ އަދަދެއްގެ ޑޮލަރު ގަވާއިދާ ޚިލާފަށް ގަނެފައިވާ ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

އޭސީސީން ބުނީ، އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ފޮނުވާފައިވަނީ ފެނަކައިގެ ކުރީގެ އެމްޑީ ނިމާލުގެ އިތުރުން އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރާއި، ޗީފް ޓެކްނިކަލް އޮފިސަރާއި، ޑިރެކްޓަރުގެ މައްޗަށެވެ.

އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގުން ފާހަގަ ކުރެވުނު ގޮތުގައި، ތިން ފަހަރެއްގެ މަތިން ފެނަކައަށް އަމިއްލަ ކުންފުންޏަކުން 1.1 މިލިއަން ޑޮލަރު ގަތުމަށް ފެނަކައިން އެޑްވާންސްކޮށް 17.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އެ ޑޮލަރުތައް ގަތުމަށް ފެނަކައިން ތައްޔާރުކޮށްފައިވާ ޕޭމަންޓް ވައުޗަރާއި ޗެކްތަކުގައި ހުއްދަދިން ފަރާތްތަކުގެ ގޮތުގައި އެ އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރާއި، ޗީފް ޓެކްނިކަލް އޮފިސަރާއި، ޑިރެކްޓަރު ސޮއިކޮށްފައިވާ ކަމަށެވެ.

އެ ތިން މީހުން ޑޮލަރު ގަތުމަށް ފައިސާ ހަރަދު ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ޑޮލަރު ގަންނަނީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންތޯ ބަލާފައި ނުވާ ކަމަށެވެ. އަދި ޑޮލަރު ވިއްކުމަށް ހުށަހެޅި ކުންފުންޏަކީ ޑޮލަރު ވިއްކުމުގެ މާލީ ގާބިލު ފަރާތެއްތޯ ބަލާފައި ނުވާކަން ތަހުގީގަށް އެނގެން އޮންނަ ކަމަށް އޭސީސީން ބުނެ އެވެ.

އެ ޑޮލަރުގެ މުއާމަލާތް ހިންގުމަށް ފެނަކައިގެ ފައިސާއާ ބެހޭ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަންގާފައިވަނީ ނިމާލް ކަމަށް އޭސީސީން ބުނެ އެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެކިފަހަރު މަތިން ޑޮލަރު ހޯދުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފެނަކައިން މަސައްކަތްކޮށްފައިވާކަމަށާއި، ނަމަވެސް ފެނަކައަށް ވޭނުންވާ ވަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޑޮލަރު ހަމަޖެހިފައި ނުވާކަން ލިޔުންތަކުން އެނގެން އޮންނަ ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ހިމެނޭ ޑޮލަރުގެ މުއާމަލާތު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ނޮވެމްބަރު މަހާ ދެމެދު ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ލިޔެ އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު ހޯދުމަށް ފެނަކައިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ ޑޮލަރު ގަތުމަށް ފެނަކައިން 17.8 މިލިއަން ރުފިޔާ ޚަރަދު ކުރުމުގެ ސަބަބުން ޑޮލަރު ވިއްކުމަށް ޗެކް ހުށަހެޅި ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

ނިމާލާއި އިތުރު ތިން މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެމީހުންގެ މައްޗަށް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ތުހުމަތެވެ.

އޭގެ އިތުރުން އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި، ޑޮލަރުގެ ބަދަލުގައި ފެނަކައަށް އެކުންފުނިން ދީފައިވަނީ މޮރީޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ ބޭންކް ގެރެންޓީ ތައްގަނޑު ޖަހާފައިވާ އެއްމަސްދުވަހުގެ ޑޭޓެޑް ޗެކްތަކެއްކަމަށެވެ. އަދި ބޭންކް ގެރެންޓީ ތައްގަނޑަކީ އެ ބޭންކުން ބޭންކް ގެރެންޓީ ދިނުމަށް ބޭނުންކުރާ ތައްގަނޑެއް ނޫން ކަމަށާއި، އެއީ އެ ބޭންކްގެ އެތެރޭގެ ލިޔުންތަަކުގައި ބޭނުންކުރާ ތައްގަނޑެއް ކަމަށް އެމްސީބީން ބުނެފައިވާ ކަމަށްވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

އޭސީސީން ބުނީ އެ ޗެކުގައި ތައްގަނޑު ޖަހާފައިވަނީ މަކަރާ ހީލަތް ހެދުމުގެ ގޮތުން ކަމަށް ފާހަގަކުރެވޭތީ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.