07 Dec 2017, 15:56
ކާމިޔާބު ޑައިރެކްޓަރު ފަރާ ހާން އެންމެ އަވަހަށް ދެން އުފައްދާ ފިލްމަށް ބޭނުންވަނީ ޒުވާން އެކްޓަރެއްކަމަށް އޭނާ ބުނެފިއެވެ.
ފަރާ ބުނީ އޭނާ އުފެއްދި ހަތަރު ފިލްމްގެ ތެރެއިން ތިން ފިލްމެއްގެ މަސައްކަތް ޝާހްރުކްހާނާ އެކީ ކުރެވިފައިވާ ކަމަށާއި ދެން ބޭނުންވަނީ ޒުވާން ތަރިއަކާ އެއްކޮށް މަސައްކަތް ކުރަން ކަމަށެވެ.
އެއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފަރާއަށް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ޝާހްގެ ބޭނުން ފުދުނީކަމަށް ކިޔާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ފަރާއަށް ފާޑު ކިޔަމުންނެވެ.
ނަމަވެސް ބޭރުގެ ބައެއް ހަބަރުތައް ބުނާ ގޮތުގައި ފުރަތަމަ އެ ފިލްމްގެ ސްކްރިޕްޓް ވެސް ދިނީ ޝާހަށް ކަމަށާއި އެ ސްކްރިޕްޓް ކަމު ނުގޮސްގެން އޭނާ އެ ފިލްމު ދޫކޮށްލުމުން ފަރާ ޒުވާން ތަރިއަކަށް ފުރުސަތު ދޭން ބޭނުންވީއެވެ.
އެކަމާ ގުޅޭ ގޮތުން ފަރާ ބުނީ އަބަދުވެސް އިންޑަސްޓްރީ އެއް ކުރިއަރައިގެން ދާނީ އަލަށް، ޒުވާން ތަރިން ތަކަކަށް ފުރުސަތު ދީގެން ކަމަށާއި އެ މީހުންގެ މަސައްކަތުގައި ވެސް ޒުވާން ތަރިން ބޭނުން ކުރަން ޖެހޭ ކަމަށެވެ.
އެއާއެކު ފަރާ ބުނީ ޝާހް އަކީ އޭނާގެ އަބަދުގެވެސް 'ފޭވަރިޓް' އެއް ކަމަށާއި ދެ މީހުން އެއްކޮށް ފިލްމެއްގައި މަސައްކަތް ކުރާއިރު ބެލުންތެރިންނަށް ވެސް އެ ފިލްމް ވަރަށް ކަމުދާކަމަށެވެ.
މައުލޫމާތު: އިންޑިއާ ޓުޑޭ