އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވީ މުސްލިމުން ނިކަމެތި ކޮށްލުމަށް ކަމަަށް މޯލްޑިވްސް ޑިވެލޮޕްމެޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ޓްރަމްޕް އިއުލާނު ކުރެވީ ރޭގެ ވަގުތެއްގަ އެވެ.

އެކަމާ ގުޅިގެން އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުގެ ތެލްއަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމަށް ގޮވާލައި ޓްރަމްޕް ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރާ ކަމަށެވެ.

"މި ދަށު ދަރަޖައިގެ ނިންމެވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމް އުންމަތަށް ގޮންޖައްސަވައި މުސްލިމުން ނިކަމެތި ކޮށްލުުމުގެ މާނާގައި ކުރެއްވި ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށް މި ޕާޓީން ގަބޫލުކުރަން،" އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓްރަމްޕްގެ އެ ނިންމުން އެމްޑީއޭ އިން ސިފަކޮށްފައި ވަނީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ޒަމާނުއްސުރެ އުފެދި އަނދަމުން އަންނަ ފިތުނައިގެ ހުޅުގަނޑު އިތުރަށް ބޮޑުކޮށް މުސްލިމުންގެ ރުޅިވެރިކަން އިތުރަށް ބޮޑު ކުރުމަށް ކުރެވި ކަމެއްގެ ގޮތުގަ އެވެ.

މުސްލިމުންނަށް ކުރިމަތިވި އިންތިހާ މި ކަންބޮޑުވުމުގައި ކެއްތެރިކަން އިސްކޮށް އެއްސަފެއްގައި ތަރުތީބު ވުމަށް އެމްޑީއޭ އިން ވަނީ ގޮވާލައިފަ އެވެ.

ގުދުސަކީ މީގެ އެތަކެއް އަހަރު ކުރީން ބައިބައިވެފައިވާ ސަހަރެކެވެ. އެގޮތުން، އިސްރާއީލްގެ އިސްތިއުމާރުގެ ދަށަށް އެ ސަހަރު ގެންދިޔުމަށް ފަހު، ހުޅަނގު ގުދުސްއަކީ އިސްރާއީލްގެ ދައުލަތުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. ހަމަ އެހެންމެ، ފަލަސްތީނުން އަންނަނީ، އިރުމަތީ ގުދުސަކީ ކޮންމެވެސް ދުވަހަކުން އެ ގައުމުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައި ހަމަޖެހޭނޭ ކަމުގައި ދެކެމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ދަނީ، އެމެރިކާގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އަދި ފަލަސްތީނުގެ މަސްއޫލުވެރިން ވަނީ، ގުދުސަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން އިއުލާނުކުރުމަކީ ހަނގުރާމަ އިއުލާނުކުރުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.