ކްރައުން ކޮމްޕެނީން ހިންގާ ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ވަޒީފާ އިން ވަކިކުރި 22 މުވައްޒަފަކަށް އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ރަންގަލި ރިސޯޓުން 22 މުވައްޒަފުން ވަކިކުރީ 2011 ވަނަ އަހަރުގަ އެވެ. އެ މުވައްޒަފުންތައް ވަކިކުރީ، އެ ރިސޯޓުގެ ރޫމްތަކެއް މަރާމާތު ކުރާތީ ރިޑަންޑަންސީގެ ހާލަތު އެކުންފުންޏަށް ކުރިމަތިވީ ކަމަށް ބުނެ އެވެ.

އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު ނިންމީ، އެ މުވައްޒަފުންނަށް އެމީހުންތިބި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި، އެމީހުންނަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

އެ މައްސަލަ ކްރައުން ކޮމްޕެނީން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެލުމަށް ފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ޓްރައިބިއުނަލުން ކުރި ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައި ވަނީ، އެ ރިސޯޓުން މުވައްޒަފުން ވަކިކޮށްފައި ވަނީ، ކުރިއާލާ އަންގާފައި ނޫން ކަމަށާއި އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވަނީ، އިޖްރާއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށެވެ. އެގޮތުން ރިޑަންޑަންސީ ނޯޓިސް ނެރެފައި ވަނީ، އެ މުވައްޒަފުން ވަކި ކުރުމުގެ އެއް ދުވަސް ކުރިން ކަމަށް 22 މުވައްޒަފުން ބުނެފައިވާ ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެ ކަމަށް އެ ކުންފުނިން އިންކާރުކޮށްފައި ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން މަރާމާތު ކުރުމަށް ވަގުތީ ގޮތުން އެ ރިސޯޓުގެ ރޫމްތަކެއް ބަންދުކުރަން ނިންމި ނަމަވެސް އެއީ ރިޑަންޑަންޓް ވީކަމަށް ބަލައި މުވައްޒަފުން ވަކިކުރަން ޖެހޭ ހާލަތެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ބަދަލުގައި މުސާރަ ނުހިނގާ ގޮތަށް ޗުއްޓީއެއް ދިނުމާއި މުސާރައިގެ ދެބައިކުޅަ އެއްބައިދޭ ގޮތަށް ޗުއްޓީ ދިނުން ފަދަ ގޮތްގޮތަށް އެކަން ހަމަޖެއްސިދާނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުން ޓްރައިބިއުނަލުގެ ނިންމުމަށް ތާއީދުކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.