07 Dec 2017, 11:35
އިނގިރޭސި ޕްރިމިއަރ ލީގުގައި ސްވެންސީ ސިޓީއާ ޗެލްސީ ބައްދަލުކުރި މެޗުގައި ރެފްރީގެ ނިންމުންތަކަށް ފާޑުކިޔުމާ ގުޅިގެން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ 8000 ޕައުންޑުން ޖޫރިމަނާ ކޮށްފިއެވެ.
އެ މެޗުގައި ކޮންޓޭ ހިތްހަމަނުޖެހުން ފާޅުކުރީ ޗެލްސީއަށް ލިބެންޖެހޭ ކޯނަރެއް ނުދީ ސްވެންސީއަށް ގޯލް ކިކެއް ދިނުމުންނެވެ. އެ ނިންމުމާ ގުޅިގެން ކޮންޓޭ ވަނީ ރެފްރީއާ ދިމާލަށް ހަޅޭލަވައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއާއެކު ރެފްރީ ވަނީ ކޮންޓޭ ބެންޗުން ވެސް ފޮނުވާލާފައެވެ.
ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް ކޮންޓޭ ވަނީ އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަމަށް ބުނެ ރެފްރީގެ ކިބައިން މެޗަށްފަހު މައާފަށް އެދިފައެވެ.
މިއީ ޗެލްސީގެ ކޯޗުކަމާ ހަވާލުވިފަހުން އިނގިރޭސި އެފްއޭ އިން ކޮންޓޭއަށް އަދަބު ދިން ފުރަތަމަ ފަހަރެވެ. ކޮންޓޭއަކީ ރުޅިގަދަ ކޯޗެއް ނޫނެވެ. ނަމަވެސް އޭނާއަކީ ކުދިކުދި ކަންކަމުގައި ރުޅިއައިސް މީގެކުރިން އަދަބު ލިބިފައިވާ ކޯޗެކެވެ.
ޕްރިމިއަރ ލީގުގައި ޗެލްސީ އޮތީ 32 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.