07 Dec 2017, 11:31
ފާއިތުވި އޮކްޓޯބަރު މަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 38 އިންސައްތަ ދަށްވެއްޖެއެވެ.
ދިވެރި ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ނެރުނު އޮކްޓޯބަަރު މަހުގެ އިގްތިޞާދީ ރިވިއުއަށް ބަލާއިރު މަހުގެ އެކްސްޕޯޓު 38 އިންސައްތަ ދަށްވެފައިވާއިރު މަސް ވިއްކައިގެން ލިބުނު އާމްދަނީވެސް ވަނީ 18 އިންސައްތައަށް ދަށްވެފައެވެ.
އޮކްޓޯބަރު މަހު ރާއްޖޭގެ ކުންފުނިތަކުން މަސް ކިރުވި އަދަދަކީ 5076.9 މެޓްރިކް ޓަނުގެ މަހެވެ. އެ އަދަދަކީ 2016 ވަނަ އަހަރާ އަޅައިބަލާއިރު 36 އިންސައްތަ ދަށް އަދަދެކެވެ. އަދި ސެޕްޓެންބަރު މަހާ އަޅައިބަލާއިރު 70 އިންސައްތަ އިތުރު އަދަދެއްކަމަށް އެމްއެމްއޭގެ އިޤްތިޞާދީ ރިިއުގައިވެއެވެ.
މަސް އެކްސްޕޯޓްކުރި މިންވަރާއި މަސް އެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބެއްކަމަށް އެމްއެމްއޭއިން ބުނީ، ގަނޑުކުރި ކަންނެލި އަދި ގަނޑުކުރި ކަޅުބިލަމަހުގެ އެކްސްޕޯޓް ދަށްވުން ކަމަށެވެ. ނަމަވެސް ދަޅުގައި ބަންދުކުރި ނުވަތަ ޕެކެޓްކުރި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރި މިންވަރާއި ލިބުނު އާމްދަނީގެ މިންވަރު އިތުރުވެފައިވާކަމަށް އެ ރިވިއުގައިވެއެވެ.
އެމްއެމްއޭގެ އިޤްތިޞާދީ ރިވިއުގައި ވާގޮތުން މިދިޔަ އަހަރާ އަޅައިބަލާއިރު މަހުގެ އެކްސްޕޯޓު އަދި އެކްސްޕޯޓުގެ އާމްދަނި ދަށްވެފައި ވީނަމަވެސް މަހުން މަހަށް ބަލާއިރު ފާއިތުވި އޮކްޓޫބަރު މަހުގައި މަސް އެކްސްޕޯޓްކުރި މިންވަރު މި އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު ވަނީ 88 އިންސައްތަ އިތުރުވެފައެވެ. އަދި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީވެސް ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޯބަރު މަހުގައިވަނީ 80 އިންސައްތަ އިތުރުވެފައެވެ.
އެކަމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަ މަސް އަދި ތާޒާ ނުވަތަ ފިނިކުރި ކަންނެލި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އިތުރުވުން ކަމުގައި އެމްއެމްއޭއިން ބުނެއެވެ.