07 Dec 2017, 11:21
އިސްރާއީލުގެ ވެރިރަށަކީ ގުދްސު ކަމަށް އިއުތިރާފްވެ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އެކަމުގެ ގެއްލުން ފަލަސްތީނާއި އަރަބިންނާ އަދި މުސްލިމުންނަށް ފޯރުމުމުގެ އިތުރުން މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށްވެސް އެކަމުގެ ގެއްލުންތައް ލިބިގެންދާނެ ޚުތޫރަތްތެރި ނިންމުމެކެވެ.
މިކަމުގެ ގެއްލުން އެމެރިކާއަށް ލިބޭނީ ހަމައެކަނި އަރަބި އަދި އިސްލާމީ ދުނިޔެއަކުން ނޫނެވެ. އިސްލާމީ ދުނިޔެއަށް ބަލާއިރު އަރަބި ގައުމުތަކުގެ ބައެއް ވެރިން އެބޭފުޅުންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެމެރިކާއާ ގުޅިގެން އުޅޭ އުޅުމަށް ޓްރަމްޕްގެ ނިންމުމުގެ ސަބަބުން ބަދަލުނައިނަމަވެސް އަރަބި އިސްލާމީ ދުނިޔޭގެ ރައްޔިތުންގެ ނުރުމާއި ނަފްރަތު ކުރިއަށްވުރެ ބޮޑަށް އެމެރިކާއަށް އަމާޒުވެގެންދާނެއެވެ.
ޓްރަމްޕް ގުދްސާބެހޭ ނިންމުން ނިންމަވާފައިވަނީ ދީނީ ވިސްނުމަކުން ކަމަށްވާތީ މިކަމާގުޅިގެން ދީނީ ހަނގުރާމައެއްގެ ހުޅު ފަޅައިގެން ދިޔުމުގެ ފުރުސަތުވެސް އެބައޮތެވެ. މިކަން ދީނީ ހަނގުރާމައަކަށް ބަދަލުވެއްޖެނަމަ އެމެރިކާއަށް އެފަދަ ހަނގުރާމައެއް ކާމިޔާބެއް ނުވާނެއެވެ. އަދި އެފަދަ ހަނގުރާމައަކުން ޚުދު އިސްރާއީލުވެސް ސަލާމަތެއް ނުވާނެއެވެ. އިސްރާއީލުވެސް އަނދައިގެން ދާނެއެވެ. މިގޮތަށް ކުރާ ގެރިއްލާ ހަނގުރާމައެއްގައި އިސްރާއީލުގައިވާ ބާރުގަދަ ހަތިޔާރުތަކުގެ މާބޮޑު ފައިދާއެއް އިސްރާއީލަކަށް ނުކުރާނެއެވެ. ދީނީ ހަނގުރާމައެއް ފެށުމުގެ ފުރްސަތު ބޮޑީ ޓްރަމްޕްގެ މިނިންމެވުމުގައި މާތްވެގެންވާ މަސްޖިދުލްއަގްސާ ޝާމިލްވާތީއެވެ.
އެމެރިކާއަކީ މިހާރުވެސް އެމެރިކާ ކުރާ ހަނގުރާމަތައް ކާމިޔާބު ކުރެވޭ ގައުމެއް ނޫނެވެ. ބޮންއަޅައި ތަންތަން ހަލާކުކުރި ނަމަވެސް މުސްލިމުންނާ ދެކޮޅަށް ކުރާ އެއްވެސް ހަނގުރާމައެއް ސިޔާސީ ގޮތުންނާއި ފަންނީގޮތުން އެމެރިކާއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި އެމެރިކާއަކީ ހަމަލާތައް ނުދެވޭވަރުގެ ރައްކާތެރިކަން އޮތް ގައުމެއްވެސް ނޫނެވެ. ޓެރަރިސްޓް ހަމަލާތައް ދޭން ބޭނުންވާމީހުން އެޙަމަލާތައް ވަރަށް ފަސޭހައިން އެމެރިކާއަށް ދެއެވެ. އަދި ހަމަލާ ދިނުމުގެ ފުރްސަތުވެސް އޮވެއެވެ. އައިއެސްގެ ޓެރަރިސްޓް ހަމަލާތައްވެސް އިސްރާއީލާއި އެމެރިކާއަށް ނާރަނީ އެޖަމާއަތުން އެދެގައުމަށް ޓެރަރިސްޓް ހަމަލާތައް ދޭން ބޭނުންނުވާތީއެވެ.
ޓްރަމްޕްގެ މިނިންމެވުން އެމެރިކާއަށް ލިބޭނެ ބޮޑު އަނެއް ގެއްލުމަކީ އެމެރިކާ މެދުއިރުމަތީގައި އެކަހެރިވެ އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތިން ކުޑަވެގެންދިޔުމެވެ. ސުލްހައިގެ އެއްވެސް ކަމެއްގައި ދެން އެމެރިކާއަށް އިސް ދައުރެއް އަދާކުރުމުގެ ފުރްސަތެއް ނޯންނާނެއެވެ. ޓްރަމްޕްގެ ނިންމެވުމާއެކު މެދުއިރުމަތީގެ ސުލްހައިގެ ކަންކަމުގައި އެމެރިކާގެ އިތުބާރާއި ޔަގީންކަން މިވަނީ އެމެރިކާއަށް ގެއްލިގެން ގޮސްފައެވެ.
އެމެރިކާ މެދުއިރުމަތީގައި ބަލިކަށިވެ އެމެރިކާގެ ނުފޫޒު ކުޑަވުމުން އުފެދޭ ހުސްތަން ފޫބައްދާނީ އަދި މިހާރުވެސް ފޫބައްދަމުން ގެންދަނީ ރަޝިޔާއާއި ޗައިނާއާއި ސަރަހައްދީ ބާރުތައް ކަމަށްވާ ތުރުކީއާއި އީރާނުންނެވެ. މިކަން ސޫރިޔާއާއި ލުބްނާނުގައި އެމެރިކާ މިހާރުވެސް ގެންދަނީ ތަހައްމަލް ކުރަމުންނެވެ. ކުރިން ލުބްނާނަކީ އެމެރިކާގެ ބާރާއި ނުފޫޒު ގަދައަށް އޮތް ގައުމެކެވެ. ނަމަވެސް އެގައުމުގައި މިހާރު އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ކުޑައެވެ. ލުބްނާންގައި މިހާރު އޮތީ އީރާނުގެ ބާރާއި ނުފޫޒެވެ.
ސޫރިޔާއަށް ބަލާއިރު އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވާގިވެރިވާ ސޫރިޔާގެ އިދިކޮޅު ފަރާތްތައްވަނީ ބައިބައިވެ ސޫރިޔާގެ ހަނގުރާމައިގާ ބަލިވެފައެވެ. ބައްޝާރު ވައްޓާލަން އެމެރިކާ އިސްވެއޮވެގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު ވައްޓައެއް ނުލެވުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ އީރާނާއި ރަޝިޔާ އެގައުމުގައި ބާރުގަދަ ކުރުމެވެ. އިރާގުގައިވެސް އެމެރިކާއަށް ވީ މިހެންނެވެ. އިރާގުގައި މިހާރު އެމެރިކާއަށްވުރެ ބާރުގަދައީ އީރާން ގެއެވެ. އެމެރިކާގެ ނުފޫޒު މެދުއިރުމަތީގައި ކުޑަވެފައި ރަޝިޔާއާއި އީރާނާއި ތުރުކީގެ ބާރާއި ނުފޫޒު މިގައުމުތަކުގައި ވަރުގަދަ ވުމަކީ އެކަމުގެ ގެއްލުން އިސްރާއީލަށް ފޯރާނެ ކަމެކެވެ.
ރަޝިޔާގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި ގަދަވަމުންދާ ކަމުގެ އިޙްސާސް ކުރެވިގެން ސައޫދީ އަރަބިޔާވެސް ވަނީ ރަޝިޔާއާއެކު ބަދަހި ގުޅުންތަކެއް އުފައްދަން ފަށާފައެވެ. މިއީ ސައޫދީގެ ތާރީޚުގައިވެސް މީގެކުރިން އެގައުމުން ކުރިކަމެއްނޫނެވެ. އަނެއްކޮޅުން އީރާނާއި ތުރުކީގެ ބާރު ގަދަވާތީވެ ސައޫދީ އުޅެނީ އިންތިހާއަށް ކަންބޮޑުވެގެންނެވެ.
ގުދުސްގެ މައްސަލައިގައި ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުން ޔޫރަޕާއި އެމެރިކާއާ ދެމެދުގައިވެސް މިވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. ޔޫރަޕްގެ އެންމެ ބޮޑު ބާރުކަމަށްވާ ޖަރުމަނުގެ ޚާރިޖީ ވަޒީރު ދާދިފަހުން ވިދާޅުވެފައިވަނީ އެމެރިކާގެ ނިންމުންތަކުން ޔޫރަޕަށް ލިބޭ ގެއްލުންތައް އީރާނުން ޔޫރަޕަށް ކުރިމަތިވާ ފިއްތުންތަކަށްވުރެވެސް ބޮޑުކަމުގައެވެ. ގުދްސުގެ މައްސަލައިގައި ޓްރަމްޕް ނިންމެވި ގޯސް ނިންމެވުމުގެ ނޭދެވޭ އަސަރު ވަރަށް އަވަހަށް އެމެރިކާއަށް ފެނިގެންދާނެއެވެ.
އަރަބި ގައުމުތަކުގެ ވެރިން އެމެރިކާއަށް ކޮންޓްރޯލް ވިޔަސް ޖަމާއަތްތަކާއި އަރަބި ރައްޔިތުން އެމެރިކާއަށް ކޮންޓްރޯލެއް ނުވާނެއެވެ. މުސްލިމުންގެ އަތުގައި ޓެކްނޮލޮޖީއާއި ސައެންސްގެ ބާރުނެތްނަމަވެސް މުސްލިމުންގެ އަދަދު އެމެރިކާއަށްވުރެ ހަތަރު ގުނަ ބޮޑެވެ. އަދި ހަތިޔާރާއި ޓެކްނޮލޮޖީ ހުރުމަކީ މިހާރު މިހިނގާ ބާވަތުގެ ގެރިއްލާ ހަނގުރާމަތައް ކާމިޔާބު ކުރެވޭނެ ވަސީލަތެއްވެސް ނޫނެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ ދުނިޔޭގެ ބޮޑެތި ވިޔަފާރި މުއާހަދާތަކާއި ތިމާވެއްޓާބެހޭ ޕެރިސް އެއްބަސްވުންފަދަ ބޮޑެތި މުއާހަދާތަކުން ވަކިވެފައެވެ. ވިޔަފާރީގެ ދާއިރާގައި އުފެދޭ ހުސްތަންވެސް ފޫބައްދައި ބާރާއި ނުފޫޒު ގަދަކުރަމުން ގެންދަނީ ޗައިނާއިންނެވެ.