07 Dec 2017, 10:59
މި ސީޒަނުގައި މެންޗެސްޓަރ ސިޓީން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ނިމުން އަތުވެއްޖެއެވެ.
ސިލްސިލާއަށް ނިމުން އައިސްފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ޝަހްތަރު ޑޮނެޓްސްކް އަތުން 1-2 އިން ސިޓީ ބަލިވުމާ ގުޅިގެންނެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް 15 ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ސިޓީ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. 12 ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރީ ޝަހްތަރު ޑޮނެޓްސްކްއެވެ. ގްރޫޕްގެ ތިންވަނަ ހޯދައިގެން ޔޫރޮޕާ ލީގުން ޖާގަ ހޯދި ނަޕޯލީއަށް ލިބުނީ ހަ ޕޮއިންޓެވެ.
ޝަހްތަރުގެ ދަނޑުގައި ކުޅުނު މި މެޗަށް ސިޓީން ނެރުނު ފުރަތަމަ އެގާރާގައި އެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ހިމަނާފައެއް ނުވާއިރު ފުރަތަމަ އެގާރައިން ޒުވާން ބައެއް ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ.
ޝަހްތަރުގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ބާނާޑް ޖެހިއިރު، އަނެއް ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިސްމައިލީ އެވެ. ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޕެނަލްޓީ އަކުން ސާޖިއޯ އަގުއޭރޯ އެވެ.
ރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޔޫރަޕްގައި ކޯޗުކޮށްދިން 100 ވަނަ މެޗެވެ. މި މެޗުން ބަލިވުމުން ސިޓީން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައީ 28 މެޗަށް ފަހު އެވެ.