08 Aug 2011, 13:13
ޗެލްސީއަށް ބަދަލުވާން ބޭނުންވެފައި ހުރި އަދި ޗެލްސީއިން ވެސް ހޯދަން މަސައްކަތްކުރަމުން އަންނަ ޓޮޓެންހަމްގެ ކްރޮއޭޝިޔާ ޕްލޭ މޭކާ، ލޫކާ މޮޑްރިޗް ކްލަބުގައި މަޑުކުރުމަށް ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ޕީޓަ ކްރޮޗް އެދިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗްގެ ކުރިން މޮޑްރިޗަށް ކްލަބްގެ ސަޕޯޓަރުންވަނީ ބޮޑު ތަރުހީބެއްދީފަ އެވެ.
ނަމަވެސް ކްރޮޗްވަނީ ޓޮޓެންހަމްގައި އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންދާކަމަށްބުނެ އެކަން މޮޑްރިޗްގެ ފަރާތުންވެސް ފެނުމަށް ބޭނުންވާކަމަށް ހާމަކޮށްފަ އެވެ.
"ސަޕޯޓަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން މޮޑްރިޗް ކްލަބުގައި މަޑުކުރާނެކަމަށް އުންމީދުކުރެވޭ. މިހާރު އޭނާއަށް ކްލަބް ދޫކޮށްދިއުން ވާނީ އުނދަގޫ ކަމަކަށް. އޭނާއަށް މިހާރު އެނގޭނެ ސަޕޯޓަރުން އޭނާއަށް ލޯބި ޖެހިފައިވާކަން. މިހާރު މޮޑްރިޗް ގައުމީ ޓީމަށް ކުޅެން ދިޔަނަމަވެސް އަހަރެމެން ބުނިން ބުރާސްފަތި ދުވަހު އެނބުރި އަންނާށޭ. އެހެން ކަންތައް ކުރާނެކަމަށް އުންމީދުކުރަން." ކްރޮޗް ބުންޏެވެ.
މޮޑްރިޗަކީ މޮޅު ކުޅުންތެރިއެއްކަމަށާއި އަންނަ ސީޒަނަށް ކްލަބްގެ އެންމެންވެސް މޮޑްރިޗް ބޭނުންވާކަމަށް ކްރަޗް ބުންޏެވެ.
"މޮޑްރިޗަކީ މޮޅު ކުޅުންތެރިއެއް. ޓީމުގައި ބަހައްޓަން މޮޑްރިޗަކީ ރަނގަޅު ކުޅުންތެރިއެއް. އަހަރެމެން އެންމެންވެސް މޮޑްރިޗް ބޭނުންވޭ."
ޓޮޓެންހަމްއަށް އާ ކުޅުންތެރިން ހޯދުމަށް އެކްލަބްގެ ކޯޗް ހެރީ ރެޑްނެޕްގެ ފަރާތުން މާއެދެވޭ އިސްކަމެއް ދޭތަނެއް ނުފެނެއެވެ. ނަމަވެސް މިހާރު ތިބި ކުޅުންތެރިންނާއިއެކު ސީޒަން ފަށައި ގަދަ ހަތަރެއްގައި ނިންމާލެވޭނެކަމަށް އެކްލަބްގެ ފޯވާޑް ކްރައުޗް އުންމީދުކުރެ އެވެ.