ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' ރިލީޒް ކުރުން ފަސްކުރުމާ އެކު، ޑިސެމްބަރު އެކެއްގައި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ފިލްމު 'ފިރަންގީ' ރިލީޒް ކުރި އިރު އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނީ ފިލްމް ރަނގަޅަށް ޕްރޮމޯޓް ނުކުރެވުމުން ކަމަށް ޓްރޭޑް އެނަލިސްޓް ގިރިޝް ޖޯހަރް ބުނެފިއެވެ.

ފިލްމް އެޅުވިތާ ހަތަރު ދުވަސްތެރޭ އެ ފިލްމަށް ލިބުނީ އެންމެ 73 މިލިއަން ރުޕީސް އެވެ.

" ފިލްމެއް ކާމިޔާބު ފިލްމަކަށް ހެދޭނީ އެ ފިލްމް ރަނގަޅަށް ޕްރޮމޯޓްކޮށްގެން. މި ފިލްމް ނެތް އެހާ ރަނގަޅަށް ޕްރޮމޯޓް ކުރެވިފައެއް. ޓްރެއިލާއަށް ވެސް ފިލްމްގެ ލަވަތަކަށް ވެސް ނެތް މާ ބޮޑު ތަރުހީބެއް ލިބިފައެއް. މިއަށްވުރެ ރަނގަޅަށް ފިލްމް ޕްރޮމޯޓް ކުރެވުނު ނަމަ ވެސް ފިލްމް ކާމިޔާބު ވީސް،" އޭނާ ބުންޏެވެ.

ޕްރޮމޯޝަން އާއި މާކެޓިންއަށް އަދި ފިލްމު އުފެއްދުމަށް 25 ކްރޯޑު ރުޕީސް ހަރަދު ވެފައިވެ އެވެ.

ރާޖީވް ދިންގްރާ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގައި ކަޕިލް ޝަރްމާ އާއެކު ލީޑު ރޯލުން ފެނިގެން ދަނީ އިޝީތާ ދައްތާއެވެ.