ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯގެ ހެޓްރިކާ އެކު ލިވަޕޫލުން 'ގްރޫޕް އީ'ގެ އެއްވަނައިގެ ގޮތުގައި ގަދަ 16އަށް ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސްޕާޓަކް މޮސްކޯ އަތުން ލިވަޕޫލް މޮޅުވީ 7-0 ގެ ނަތީޖާ އަކުންނެވެ.

އެ މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑެއް ފުރަތަމަ ހާފުގައި ފެނިގެންދިޔައެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލިވަޕޫލަށް ކުޓީނިއޯ ލީޑު ހޯދައިދިން އިރު، މެޗުގެ 15 ވަނަ މިނެޓުގައި ކުޓީނިއޯ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ލިވަޕޫލުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފާމީނޯ އެވެ.

އެ މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓު ތެރޭގައި ލިވަޕޫލުން އިތުރު ދެ ލަނޑު ކާމިޔާބުކުރި އެވެ. މެޗުގެ 47 ވަނަ މިނެޓުގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ސާޑިއޯ މާނޭ ކާމިޔާބުކޮށްދިން އިރު، މެޗުގެ 50 ވަނަ މިނެޓުގައި ކުޓީނިއޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ލިވަޕޫލްގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން މާނޭ އެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލްގެ ހަތް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ.

އެ ގްރޫޕުގައި މަރިބޯ އާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ދިހަ ވަނަ މިނެޓުގައި މަރިބޯއަށް މާކޮސް ޓަވަރޭޒް ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ 75 ވަނަ މިނެޓުގައި ސެވިއްޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ގަންޒޯ އެވެ.

'ގްރޫޕް އީ'ގެ އެއް ވަނަ ހޯދި ލިވަޕޫލަށް 12 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި ނިންމާލި ސެވިއްޔާއަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްޕާޓަކް މޮސްކޯއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، މަރިބޯއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.