މަސްތުގެ ހާލަތުގައި ކަމަށް ޝައްކު ކުރެވޭ މީހަކު މާލޭ މަގުމައްޗަށް ވެއްޓިފައި އޮއްވައި ފުލުހުން ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.

މަންޒަރު ދުށް މީހަކު 'ސަން' އަށް ކިޔައިދިން ގޮތުގައި އެ މީހާ ވެއްޓިފައި އޮއްވައި ފެނިފައިވަނީ މިރޭ ދަންވަރު 12:55 ހާއިރުއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޓީމަކުން އެ ސަރަހައްދައް ގޮސް އޭނާ ވެހިކަލަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށް ވެސް މަންޒަރު ފެނުނި މީހާ ކިޔައިދިނެވެ.

ޝީ ބިލްޑިންގ ކައިރީ ދުވާރު މައްޗަށް ވެއްޓިފައި އޮތީ މަސްތުގެ ހާލަތުގައި އޮތް މީހެއް ކަމަށް ބެލެވޭ ކަމަށާއި އޭނާގެ ކައިރީގައި ބަގުރާ ފުޅިއެއް ވެސް އޮތް ކަމަށް މަންޒަރު ފެނުނު މީހާ ބުންޏެވެ.

"ފުލުހުން ވަނީ އެ ބަނގުރާ ފުޅި ވެސް ގެންގޮސްފައި،" މަންޒަރު ފެނުނު މީހާ ކިޔައިދިނެވެ.

މަންޒަރު ފެނުނު މީހާ ކިޔައިދިންގޮތުގައި މަގުމަށްޗަށް ވެއްޓިފައި އޮތް ނަމަވެސް އޭނާގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނާކަށް ނެތެވެ.

ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ވަގުތު 'ސަން'ގެ ނޫސްވެރިން އެ މަންޒަރު ފޮޓޯ ނަގުމުން ފުލުހުން ވަނީ ނަގާފައިވާ ފޮޓޯތައް ޑިލީޓް ކުރުމަށް މަޖުބޫރު ކުރުވާފައެވެ. ނަމަވެސް އެވަގުތު އެ ސަރަހައްދު އޮތީ ބަންދުކޮށްފައެއްނޫނެވެ.

ފުލުހުން ވެސް ވަނީ އެކަން ކަށަވަަރުކޮށްދީފަ އެވެ. އަދި ބުނީ އެއީ ބިދޭސީއެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދާދިފަހުން ފުލުހުން ވަނީ މާލޭއިން ޕިކަޕަކަށް ބަރުކޮށްގެން ދަނިކޮށް ވެސް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަނެ މީހަކު ހައްޔަރުކޮށްފައެވެ.