ޕެނަލްޓީ ޖަހައިގެން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި އެވެ.

އެފްއޭ ކަޕްގައި އެންމެ ކާމިޔާބު ކްލަބު ނިއު އާއި ޓީސީ މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 ގެ ނަތީޖާ އަކުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ޓީސީގެ މައްޗަށް ނިއު އިން ކުރި ހޯދީ 2-4 ގެ ނަތީޖާ އަކުންނެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ނިއު އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ނިއު އިން ވަނީ 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުގެ ހަ ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އަރިމަތިން ނެގި ހުރަހަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޓެވާޓް ކޯނެލިއަސް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ އަކުންނެވެ.

ޓީސީން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޓީސީއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޯނެލިއަސް އެވެ. އެ ޕެނަލްޓީ އަކީ ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް އަކްރަމް އަބްދުލްޤަނީ ކުރި ފައުލަކާ ގުޅިގެން ޓީސީއަށް ލިބުނު ޕެނަލްޓީއެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.

ނިއުގެ ދަގަނޑޭ(ކ)، ކީޕަރު އިމްރާން(މ) އަދި އޮއްޕޮ(ވ)، އެފްއޭ ކަޕްގެ ތަށްޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: ފައިނަލުގައި ޓީސީ ބަލިކޮށް، ނިއު އިން ވަނީ 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެ ވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ނިއު އިން ވަނީ ލަނޑެއް ޖަހައި ޓީސީން ދަމަހައްޓަމުން ދިޔަ ލީޑު ހަނިކޮށްފަ އެވެ. ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ކީޕަރު ލިމްބޫ ކިރަން ކުމާރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ނިއު އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ނިއުއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެ ޕެނަލްޓީ އަކީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ) އަށް އީސާ އެލްމަގްރަބީ ކުރި ފައުލަކާ ގުޅިގެން ނިއުއަށް ލިބުނު ޕެނަލްޓީއެކެވެ.

ނިއު އިން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރުން: ނިއު އިން މިއަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ ހާފުގައި ވެސް 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ނިއު އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން އޮއްޕޮ އާއި ސެންޓޭ އާއި އަކްރަމް އަދި މުހައްމަދު ރަޝީދު (ހޮކޭ) ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، ހުސައިން އެލް ޑޯ ފޮނުވާލި ޕެނަލްޓީ، ޓީސީގެ ކީޕަރު ލިމްބޫ ކިރަން ކުމާރު ވަނީ މަތަކޮށްފަ އެވެ. ޓީސީގެ އެލްމަގްރަބީ އާއި ޚަލީލް އެލްބެޒާވީ ޕެނަލްޓީ ކާމިޔާބުކުރި އިރު، ކޯނެލިއަސް އާއި އަހްމަދު ސުހައިލް (ބަމްޕުޗް) ފޮނުވާލި ޕެނަލްޓީ، ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ.