ރާއްޖޭގައި މަޝްހޫރު ކޮކާ ކޯލާގެ ބުއިންތައް އުފައްދަމުން އަންނަ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އިން މުވާސަލާތީ ކުންފުނި އުރީދޫއާ ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫއާ ގުޅިގެން ކޮކާ ކޯލާއިން ބުދަ ދުވަހުގެ ރޭ ފެށި މި ޕްރޮމޯޝަން އިއުލާނުކުރުން އޮތީ އަލިމަސް ކާނިވަލުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ދުނިޔޭގެ އެތަކެއް މިލިއަން މީހުންގެ މަގުބޫލުކަން ހޯދާފައިވާ، ކޮކާ ކޯލާއިން ބުނީ، "އުރީދޫ އެމްފައިސާ އާއި، ކޭޝްބެކް އަދި މި ނޫންވެސް އެހެނިހެން އިނާމުތައް ލިބުމަށް ފުރުސަތު ލިބިގެންދާ މި ޕްރޮމޯޝަން" މި ހިނގާ ޑިސެމްބަރު 1 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނޭ ކަމަށެވެ.

ހަމައެކަނި ދިވެހި ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ، ކޮކާ ކޯލާ، 300 އެމްއެލް، 500 އެމްއެލް އަދި 1250 އެމްއެލްގެ ރަން މަތިގަނޑު ޖެހި ފުޅީގެ މަތިގަނޑުގެ އެތެރޭގައި ޕްރިންޓުކޮށްފައިވާ ކޯޑް އުރީދޫ އެމްފައިސާ އެޕް މެދުވެރިކޮށް ފޮނުވަންވީއެވެ.

އަލަށް ފެށި ޕްރޮމޯޝަނާ ގުޅޭގޮތުން އެމްއޭޑަބްލިއުސީގެ މެނޭޖިންގ ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ، "ކޮކާ ކޯލާއަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ބުއިންކަމަށް ވުމާއެކު، މިފަދަ އޮފަރއެއް ހުޅުވައިދެނީ އުފަލާއެކު،" ކަމަށެވެ.

"ވޭތުވެ ދިޔަ އެތައް އަހަރުތަކެއްގައި ކޮކާ ކޯލާގެ ކޮލިޓީއާ ރަހައިގެ ސަބަބުން، ގިނަ ބައެއްގެ ތެރޭގައި މި ބުއިން ވަނީ، އާންމުވެ މަޝްހުރުވެފައި،" ސަންޖޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުރީދޫއާ ގުޅިގެން ފެށި ޕްރޮމޯޝަނުގެ ޒަރީއާއިން ކޮކާ ކޯލާގެ ކަސްޓަމަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މިކަހަލަ ޕްރޮމޯޝަނެއްގައި ބައިވެރިވުމަށް ފުރުސަތުދީ އަބަދުވެސް ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި، ބޭނުންތަކަށް މުހިއްމުކަމެއްދީގެން، މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާން މަސައްކަތްކުރާނަން،" ސަންޖޭ ވިދާޅުވިއެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން، ރާއްޖެއާއި ބޫޓާނަށް ކަނޑައަޅާފައި ކޮކާ ކޯލާ ފާއީސްޓް ލިމިޓެޑްގެ މެނޭޖަރު، އަބިޖީތު ލަހިރީ ވިދާޅުވީ، ކޮކާ ކޯލާ ކުންފުނި ހިންގުމުގައި އެންމެ އިސްކަމެއްދޭ އެއްބަޔަކީ ކުންފުނީގެ ކަސްޓަމަރުން ކަމަށެވެ.

"މި ޕްރޮމޯޝަންގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަސްޓަމަރުންނަށް ކޮކާ ކޯލާގެ އޮފަރގައި ބައިވެރިވެ، އުފާވެރި ތަޖްރިބާތަކެއް ލިބުމަށް މަގުފަހިވެގެން ދާނެ،" އަބިޖީތު ވިދާޅުވިއެވެ.

ކޮކާ ކޯލާ ކުންފުނިން ދަނީ، ރާއްޖޭގެ ބާޒާރަށް ތަފާތު، މީރު ބުއިންތައް ތައާރަފްކުރަމުންނެވެ. އަދި ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ހޯދުމަށްޓަކައި އެ ކުންފުނިން ދަނީ، ކަސްޓަމަރުންނާއި މުޖްތަމައަށް އަމާޒުކޮށް ތަފާތު ހަރަކާތްތަކާއި މަޝްރޫއުތައް ހިންގަމުންނެވެ.

ރާއްޖޭގައި ޚިދުމަތް ދެމުން އަންނަތާ 27 އަހަރު ގުނަމުންދާ ކޮކާ ކޯލާއިން އަބަދުވެސް އަންނަނީ، ކަސްޓަމަރުންނަށް އެންމެ އެކަށޭނަގޮތަށް ކުންފުނީގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.