08 Aug 2011, 12:58
އިނގިރޭސި އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗްގައި ފަހަތުންއަރާ 3-2 ގެ ނަތީޖާއަކުން ވާދަވެރި މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ.
ރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި މެންސިޓީއިން ދެ ލަނޑުޖަހައި ހިތްހަމަ ޖެހުން ހޯދައިގެން ތިއްބާ މެން ޔުނައިޓެޑުންވަނީ ފަހަތުން އަރައި ތިން ލަނޑުޖަހައި ޝީލްޑް ކަށަވަރުކޮށްފަ އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނު މެންޔޫގެ ނާނީ ވަނީ މޮޅަށް ކުޅެ ދެ ލަނޑު ޖަހައިފަ އެވެ.
މެޗް ފަށައިގެން ގިނައިރު ނުވަނީސް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑުން އަވަހަށް ގޯލެއް ޖެހޭތޯ އަވަސް ކުޅުމެއް ދެއްކި އެވެ. ނަމަވެސް މެންޔޫގެ ހަމަލާތައް ގޯލަކަށް ބަދަލު ކޮށްލެވޭ ގޮތް ނުވުމުގެ ނަތީޖާއަކަށްވީ ފައިދާ ނަގައިގެން މެން ސިޓީ ކުޅެގަތުމެވެ.
މެން ސިޓީއަށް ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ލެސްކޮޓެވެ. މިލަނޑު ލެސްކޮޓް ކާމިޔާބުކުރީ ދުނިޔޭގެ އެންމެ މޮޅު ދެ ޑިފެންޑަރުން ކައިރިން މިލްނާ ނެގި ހިލޭ ޖެހުމުގައި ފުރުސަތު ހޯދައިގެނެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މެންސިޓީގެ އެޑިން ޒެކޯވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑް ފުޅާކޮށްފަ އެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ން މެންސިޓީ ކުރީގައި އޮވެގެންނެވެ.
ކޯޗް ފާގަސަން ދެވަނަ ހާފަށް ޓީމް ނެރުނީ ސީނިއާ ތިން ކުޅުންތެރިންގެ ބަދަލުގައި ޒުވާން ތިން ކުޅުންތެރިން ހިމަނައިގެނެވެ. ވިޑިޗްގެ ބަދަލުގައި ޖޮނަތަން އީވާންސް އަރުވައި، ފާޑިނަންޑްގެ ބަދަލުގައި އަލަށް ގެނައި ފިލް ޖޯންސް އަރުވައި އަދި މައިކަލް ކެރިކް ބަދަލުގައި ޓޮމް ކްލެވެލީ އަރުވައިގެންނެވެ. ފާގަސަންގެ މިބަދަލުގެ ބޭނުން ކިތަންމެހާވެސް ރަނގަޅަށް ދެވަނަ ހާފްގައި ފެނިގެން ދިޔައެވެ.
މެންޔޫއިން ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ކްރިސް ސްމަލިންއެވެ. އޭގެ ހަ މިނެޓް ފަހުން ދެވަނަ ލަނޑު ނާނީ ކާމިޔާބުކޮށްދިނެވެ. ނާނީ މިލަނޑު ޖަހައިފާވަނީ ދެ ކުޅުންތެރިން ބީޓް ކުރުމަށް ފަހު އެވެ. ނާނި މެންޔޫއަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދީ ކޮމިއުނިޓީ ޝީލްޑް ކަށަވަރުކޮށްދިނީ މެޗްގެ އެންމެ ފަހު މިނެޓްކޮޅެވެ. މެންސިޓީގެ ޑިފެންޑަރުން ގެއްލުވާލި ބޯޅައެއްގެ ފައިދާ ނަގައި ކީޕަރު ކަޓުވާލުމަށްފަހު ހުސްދާގަނޑަށް ނާނީވަނީ ބޯޅަ ފޮނުވާލާފަ އެވެ.
މިމެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ ނާނިއަށް ތަޢުރީފްކޮށް އޭނާ ޕްރެމިއާ ލީގުގެ ފުރަތަމަ މެޗްގައި ވެސްޓްބްރޮމްއާއި ދެކޮޅަށް ކުޅޭ މެޗްގައި ފުރަތަމަ އެގާރައަށް އަރުވާނެކަމަށް ފާގަސަސް ވަނީ ވަޢުދުވެފަ އެވެ.
"މިދިޔަ ސީޒަނަކީ ވެސް ނާނިއަށް ކާމިޔާބު ސީޒަނެއް. އޭނާވަނީ ނުވަ ގޯލްޖަހައި އަދި 18 ގޯލް ޖެހުމަށް އެހީތެރިވެދީފައި. ނާނިގެ މޮޅު ކުޅުން އެކުވެރިކަމުގެ މެޗްތަކުގަ އާއި މި މެޗްގައި ފެނިއްޖެ. އޭނާ އަންނަ މެޗްގެ ފުރަތަމަ އެގާރައިން ފެންނާނެ،" ފާގަސަން ބުންޏެވެ.