23 May 2010, 05:35
10:00
ދުބާއީން ފުރައިގެން އައިސް އިންޑިއާގެ މެންގަލޫރަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ ބޯޓުގައި އެއްވެސް ދިވެއްސެއް ނެތްކަން ކަށަވަރުވެފައިވާ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު އަބްދުލް އަޒީޒު ޔޫސުފު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނިއު ދިއްލީގައި ހުންނެވި އަޒީ މިއަދު ވިދާޅުވީ އިއްޔެ ހެނދުނު ވެއްޓުނު ބޯއިން 737 މަރުކާގެ ބޯޓުގައި ދަތުރުކުރި 160 ފަސިންޖަރުންގެ ތެރޭގައި ބޯޓުގެ ކެޕްޓަން ފިޔަވައި އެއްވެސް ބޭރު މީހަކު ނެތްކަން އެބޭފުޅުން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.
ފްލައިޓުގެ މެނިފެސްޓް ލިބިފައިވާއިރު އޭގެތެރޭގައި ހިމެނޭ ގިނަ ނަންތަކަކީ މުސްލިމް ނަން ތަކެއް ކަމަށް ވިޔަސް އެ އެންމެންނަކީ ވެސް އިންޑިއާ މީހުންނެވެ. އަދި އެފްލައިޓުން ދަތުރުކުރި ގިނަ މީހުންނަކީ ކެރަލާ އަށް ނިސްބަތްވާ މީހުންނެވެ.
އިއްޔެ ހެނދުނު 6:30 ހާއިރު ވެއްޓުނު އެ ބޯޓުގައި 160 ފަސިންޖަރުންގެ އިތުރުން ހަ ކުރޫން ތިބިކަން އެނގިފައިވާ ކަމަށް މެންގަލޫރު ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އާރު.ރަމޭޝް ވަނީ ވިދާޅުވެފަ އެވެ. އަދި ބޯޓު ވެއްޓިފައި ވަނީ ރަންވޭ އަށް ޖައްސަން އައިސް ރަންވޭ ފަހަނައަޅާ މާ ދުރަށް ދިއުމަށްފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންދިއާގެ ގައުމީ އެއާ ލައިނުގެ އެ ބޯޓުން ދަތުރުކުރި އެންމެން މަރުވި ކަމަށް ފުރަތަމަ ބުނި ނަމަވެސް އެއާ އިންޑިއާއިން ބުނެފައި ވަނީ މި ހާދިސާއާ ގުޅިގެން ސަލާމަތްވެފައިވަނީ އަށް މީހަކު ކަމަށެވެ.
އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ ޓީވީ ނައިން އާ ވާހަކަ ދައްކަމުން މިހާދިސާގައި ސަލާމަތްވި މީހަކު އިއްޔެ ބުނެފައި ވަނީ އެކްސިޑެންޓްވީ ވަގުތު ފުރޮޅުތައް ފަޅައިގެންދިޔަ ކަހަލަ އަޑުފަށްގަނޑެއް ގޮވުމަށް ފަހު ބޯޓު ދެފަޅިއަށް ބުރިވެގެންދިޔަ ކަމަށާއި އެވަގުތު އޭނާ ބޯޓުން ފުންމާލީ ކަމަށެވެ. އަދި އޭނާއާއެކު އިތުރު ދެމީހަކު ވެސް ބޯޓުން ފުންމާލިތަން ދުށް ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
އަދި ވެސް އެ ބޯޓު ވެއްޓެން ދިމާވި ސަބަބު އެނގިފައިނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މި ހާދިސާ އަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭ އިންޑިއާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އެވެ.