07 Dec 2017, 00:18
މާތްވެގެންވާ މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އެ ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެކަން ހާމަކޮށް ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިންވަނީ ބަޔާނެއް ނެރެފައެވެ.
މިރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުމަކީ ބައިނަލްއަގުވާމީ ގާނުނުތަކާވެސް ޚިލާފު ނިންމުމެއް ކަމަށެވެ. އަދި އެއީ މެދުއިރުމަތީގެ ސުލްހައަށް ވެސް އެޅިގެންދާނެ ބޮޑު ހުރަހެއްކަމަށް ދިވެހި ހާރިޖިއްޔާގެ ބަޔާނުގައި ބުނެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ ނިންމުމުގެ ސަބަބުން ހަމައެކަނި އަސަރުކުރާނީ ފަލަސްތީނާއި އިސްރާއިލްގެ ގުޅުމަށް އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ ސުލްހަ އާއި ސަލާމަތައް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.
ދިވެހި ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގުދުސްއަކީ ފަލަސްތީނު އަތުން ފޭރިގަނެފައިވާ ބިމެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ހެދިފައިވާ ގާނޫނުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލެނބުމަށް ދިވެހި ސަރުކާރުންވަނީ ގޮވާލާފައެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ގާނުނު ތަކަށް ބޯލަނބާއި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ސުލްހައިގެ ކަންކަމަށް ބޯލެނބުމަށް އެމެރިކާ ސަރުކާރަށްވެސް ގޮވާލާފައެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ ފަލަސްތީނުގެ ބިންތައް ގަދަ ކަމުން ފޭރިގަނެގެން އިސްރާއިލުން ކުރިއަށްގެންދާ ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން އަބަދުވެސް ކުށްވެރި ކުރާ ކަމަށާއި މިހާރުން މިހާރަށްވެސް އެ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި ފަލަސްތީނަށް ހައްގުވާ މިނިވަންކަން އެގައުމަށް ދިނުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ދިވެހި ހާރިޖިއްޔާގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ފަލަސްތީނުގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކުރުމަށް އަޑު އުފުލުމުގައި ދިވެހި ސަރުކާރު ދެމި އޮންނާނެ ކަމަށާއި އަދި ދިވެހި ސަރުކާރުން ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި އަބަދުވެސް ގަބޫލު ކުރާނެ ކަމަށެވެ.