06 Dec 2017, 23:26
މާތްވެގެންވާ މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައިގެންފިއެވެ.
އިސްރާއީލްގެ ވެރިރަށަކީ ގުދުސްކަން ރަސްމީކޮށް އިއުލާނުކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ، "ޤުދުސް އަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނަންް ޖެހޭ ވަގުތު ޖެހިއްޖެ،" ކަމަށެވެ.
ވައިޓްހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް މިރޭ ވަނީ، އިސްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީ، ޤުދުސަށް ބަދަލުކުރުމުގެ ޕްލޭންތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވައިފައެވެ. މިހާރު އެމެރިކާ އެމްބަސީ ހުންނަނީ، ތެލްއަވީވްގައެވެ.
ޤުދުސަކީ މީގެ އެތަކެއް އަހަރު ކުރީން ބައިބައިވެފައިވާ ސަހަރެކެވެ. އެގޮތުން، އިސްރާއީލްގެ އިސްތިއުމާރުގެ ދަށަށް އެ ސަހަރު ގެންދިޔުމަށް ފަހު، ހުޅަނގު ގުދުސްއަކީ އިސްރާއީލްގެ ދައުލަތުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ. ހަމަ އެހެންމެ، ފަލަސްތީނުން އަންނަނީ، އިރުމަތީ ޤުދުސަކީ ކޮންމެވެސް ދުވަހަކުން އެ ގައުމުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައި ހަމަޖެހޭނޭ ކަމުގައި ދެކެމުންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ދަނީ، އެމެރިކާގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އަދި ފަލަސްތީނުގެ މަސްއޫލުވެރިން ވަނީ، ގުދުސަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން އިއުލާނުކުރުމަކީ ހަނގުރާމަ އިއުލާނުކުރުމުގެ ގޮތުގައި ސިފަކޮށްފައެވެ.