ރާއްޖެއާއެކު ވެވޭ ފްރީޓްރޭޑް އެގްރިމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ޗައިނާ އާއި ރާއްޖޭގެ އިތުރުން މުޅި ދެކުނު އޭޝިޔާ ސަރަހައްދަށް ވެސް ފައިދާއަކަށް ވެވޭ އެއްބަސްވުމެއް ކަމަށް ބުނެ ޗައިނާއިން ރާއްޖޭގެ ދިފާއުގައި ތެދުވެއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެން ސޮންގު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިހާރު އެ ގައުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ބަދަހިވެ، ބައިލެޓްރަލް ގުޅުން ވެސް އިތުރަން ރަނގަޅުވެގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ދެގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ދަތުރުފުޅުގެ (ރާއްޖޭގެ ރައީސް ޔާމީންގެ) ސަބަބުން އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރު އިތުރުވެ، ސިޔާސީ ގުޅުން ރަނގަޅުވެގެންދާނެ ކަމަށް. މީގެ އިތުރުން ދެ ގައުމުގެ ވެސް ތަރައްގީ އަށް ބައިލެޓްރަލް ގުޅުން ވެސް ވަރަށް މުހިންމުވެގެންދާނެ. މި ހުރިހާ ކަމަކުން ވެސް ފައިދާ ކުރާނީ ދެ ގައުމުގެ ރައްޔިތުންނަށް." ޝޮންގު ވިދާޅުވިއެވެ.

ރައީސް ޔާމީން މިހާރު ޗައިނާ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އަދި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޝީ ޖިންޕިންގ އާ ބައްދަލު ކުރައްވާނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް ޗައިނާއަށް ކުރައްވާ އެ ދުރުފުޅުގައި އެ ގައުމާއި ދިވެހި ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ "ގްލޯބަލް ޓައިމްސް"ގައި ބުނެފައިވަނީ އެ އެއްބަސްވުމަށް އިންޑިއާއިން ފާޑުކީ ނަމަވެސް އެ އެއްބަސްވުން ނުހުއްޓުވޭނެ ކަމަށެވެ.

ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޗައިނާއާއެކު އިގްތިސާދީ ގުޅުން ބަދަހި ކުރަނީ ހަމައެކަނި ރާއްޖެއިން ނޫން ކަމަށާއި ލަންކާ ފަދަ ގައުމުތަކުގެ އިގްތިސާދުގައިވެސް ޗައިނާގެ ދައުރު ބޮޑުކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.