އިސްރާއީލުން ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމުމާ ގުޅިގެން ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މައްސަލަ ދުނިޔޭގެ އެކިކަންކޮޅުގައިވެސް ހޫނުވަމުން އަންނަ މިދަނޑުވަޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ކަންބޮޑުވުން ފާޅުކުރެއްވީ ޓްވިޓާ މެދުވެރިކޮށެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޭއިންސާފުން އިސްރާއިލުގެ ވެރިރަށެއްގެ ގޮތުގައި ގުދުސް ކަނޑައެޅުމަކީ އެ ސަރަހައްދުގެ ހަމަ ނުޖެހުމަށް ކުރެވޭ ތާއީދެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އޭގެ ސަބަބުން އެ ސަރަހައްދުގެ މަޝްރަހު އިތުރަށް ނުތަނަވަސް ވެގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެފަދަ ނިންމުގެމެއްގެ ސަބަބުން އެ ސަރަހއްދުގެ މަސްރަހު އިތުރަށް ގޯސްވެ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ހަރުކަށި ފިކުރުގެ މީހުންނަށް މަސްރަހު އިތުރަށް ގޯސް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ރަމީ ހަމްދުﷲ ވިދާޅުވެފައި ވަނީ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ޓްރަމްޕް ބަލައިގަންނަން ނިންމި ނިންމުމުގެ ސަބަބުން ސުލްހަ މަސްލަސްކަން ގެއްލި މުޅި ސަރަހައްދުގައި ހަމަނުޖެހުމާއި ލޭ އޮހޮރުވުން ހިނގުމަށް މަގުފައިވާނެ ކަމަށެވެ. މީގެ އިތުރުން ފަލަސްތީނުގެ އިސް އޮފިޝަލުން ވެސް ބުނެފައި ވަނީ ޓްރަމްޕުގެ އެ ނިންމުމާއެކު ދެ ގައުމުގެ ދޭތެރޭ އުފެދެއްމުންއައި ސުލްވެރިކަން ނެތިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަމްޕު މިއަދު އިއުލާން ކުރައްވާނެ ކަމަށް އެގައުމުގެ މަސްއޫލުވެރިން ކަށަވަރު ކޮށްދީފައިވީ ނަމަވެސް، އދ.ގެ ގަރާތުތަކާއި ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފު އެ ނިންމުމަށް އަރަބި އިސްލާމީ ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ބާރު ތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.

އެ މައްސަލައިގައި ސައުދީ އަރަބިއްޔާ އާއި ތުކުރީ ފަދަ މުސްލިމް ގައުމުތަކުން ވަނީ ޓްރަމްޕް އަށާއި އެމެރިކާ އަށް ފާޑުކިޔާފައެވެ. އަރަބިންގެ އިތުރުން އިސްލާމީ ދުނިޔެއަށް މި މައްސަލަ ހައްސާސްވާ ސަބަބަކީ ގުދްސުގައި މަސްޖިދުލް އަގްސާ ހުރުމާއެކު އިސްލާމީ ތާރީޚާއި ގުދްސު ގުޅިފައި ވުމުގެ އިތުރުން ކީރިތި ރަސޫލާ (ސލވ)ގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ގުދްސާއި މަސްޖިދުލްއަގްސާ އާ ގުޅިފައި ވުމެވެ.