ތަރައްގީގެ ދާއިރާއިން ރާއްޖެ މީގެ އަހަރުތަކެއް ކުރިން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ބައިވެރިއަކީ ޗައިނާ ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 1972 ވަނަ އަހަރު ޗައިނާއާއެކު ގާއިމު ކުރި ސިޔާސީ ގުޅުމަކީ އިބުރަތުން ފުރިގެންވާ ގުޅުމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ގުޅުމުން ދައްކުވައިދެނީ ދުނިޔޭގެ ނިސްބަތުން ކުޑަ ގައުމަކާއި ދުނިޔޭގެ އެންމެ ބޮޑު އެއް ގައުމާ ދެމެދު އުފެދުނު ވަރުގަދަ ގުޅުން ކަމަށެވެ.

މި ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މީގެ 45 އަހަރު ކުރިން ވެވުނު އެއްބަސްވުމާ އެކު މިއަދާ ހަމައަށް އައިއިރުވެސް ޗައިނާއަކީ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ވަރަށް އިތުބާރު ކުރެވޭ އެކުވެރި ގައުމެއް ކަމަށެވެ.

" ޗައިނާއަކީ މިދިޔަ 45 އަހަރު ތެރޭގައިވެސް ރާއްޖެއަށް މުހިންމު ކަންތައްތަކެއް ފަހިކޮށްދިން އެކުވެރިއެއް،" ރައީސް ޔާމީނ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ ދިވެހި ތާރީޚުން ފުހެވިގެންނުދާނެ އުފެއްދުންތެރި ދަތުރުފުޅެއް ކަމަށެވެ. އެގޮތުން އެ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ އަސަރު މިއަދު ރާއްޖޭއިން ތަރައްގީގެ މަޝްރުއުތަކެއްގެ ސިފައިގައި ފެންނަމުންދާ ކަމަށާއި އެއިން ކޮންމެ މަޝްރޫއަކުން ދޭހަކޮށްދެނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ..

" ޗައިނާ ފްރެންޑްޝިޕް ބްރިޖް ނިމި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ރަންވޭގެ މަސައްކަތް ނިމުމުން އެއިން ކޮންމެ ތަނެއްވެސް ކިޔައިދޭނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ ވާހަކަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ސީޖިންޕިންގ ގެ ޒައާމަތުގައި އެ ގައުމަށް އަންނަމުންދާ ކުރިއެރުންތައް ފަހަގަ ކުރައްވައި ރައީސް ޔާމީން ވަނީ އެކަމަށް ތައުރީފް ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ކަންކަން ކޮށްދެނީ އަމިއްލަ އެދުމެއް ނެތި ކަމަށާއި އެކަންކަން ކޮށްދެނީ ކޮށްދޭ ހިތުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އެހީތެރިކަން ޗައިނާ އިން ލިބިގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ހަވީރު ބެއިޖިންގައި ބޭއްވި އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ޗައިނާގެ ރައްޔިތުންގެ ބޮޑު އިންސައްތައެއްް ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރަމުންދާތީ އެކަމަކީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާ އިތުރު ކުރިއެރުމެއްކަމަށް ފާހަގަ ކުރައްވާފައެވެ.

ރައްޖޭގެ ފަތުރުވެރިކަމުގެ ބޮޑު އިންސައްތައެއް ޗައިނާގެ ފަތުރުވެރިންގެ މައްޗަށް ބިނާވެފައިވުމުމަކީ ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން އަބަދުވެސް ޗައިނާގެ ރައްޔިތުންނަށް މަރުހަބާ ކިޔާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝި ޖިންޕިންގގެ ދައުވަތަކަށް އެގައުމަށް ރައީސް ޔާމީން ކުރައްވާ އެ ދުރުފުޅުގައި އެ ގައުމާއި ދިވެހި ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.