ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗައިނާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ މިރޭ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޔާމީން ޗައިނާ ގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފައިވަނީ މިހާރު ޗައިނާއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މިރޭ ބެއިޖިންގގެ ލެޖެންޑޭލް ހޮޓެލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސް ޔާމީން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ އެ ގައުމުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޗައިނާ ރާއްޖެ ގުޅުމަށް 45 ފުރުމުގެ މުނާސަބާއާގުޅޭ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަނެފައެވެ.

ޗައިނާގެ ރައީސް ޝި ޖިންޕިންގގެ ދައުވަތަކަށް ޗައިނާއަށް ކުރައްވާ އެ ދުރުފުޅުގައި އެ ގައުމާއި ދިވެހި ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.