ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ސްޓޭމްޕު ސެޓެއް ނެރެފިއެވެ.

ޗައިނާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސްޓޭމްޕު ސެޓް ޗައިނާ ސަރުކާރާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އެ ރަސްމިއްޔާތުގައި ޗައިނާގެ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް ހަނދާނީ ފިލާއެއް އަރުވާފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ ޚާއްސަ ހަނދާނީ ފިލާއާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އެ ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އެ ފިލާ ހަވާލުކޮށްދެއްވީ ވައިސް ޗެއާމަން އޮފް ދަ ނެޝަނަލް ޕީޕަލްސް ކޮންގްރެސް، ޝެން ޔޫޔޫއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގެ ލެޖެންޑޭލް ހޮޓެލްގައި ބޭއްވި އެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗައިނާގެ ރައީސް ޝި ޖިންޕިންގގެ ދައުވަތަކަށް އެ ގައުމަށް ރައީސް ޔާމީން ކުރައްވާ އެ ދުރުފުޅުގައި އެ ގައުމާއި ދިވެހި ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ވިޔަފާރި، އިގްތިސާދީ، އިޖްތިމާއީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.