08 Aug 2011, 12:55
ކުރެއްދޫ ރިޒޯޓްގައި ކްއާޑް ބައިކް ދުއްވަނިކޮށް، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި އިނގިރޭސިވިލާތުގެ ދެމަފިރިންނަށް ހެޔޮ އެދޭ ފަރާތްތަކުން އެމީހުންނަށް މާބޮނޑިތަކުން އަލްވަދާޢުކިޔަމުން އެބަދެ އެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުގައި ބުނެފައިވާ ގޮތުގައި ކުރެއްދޫގައި ހިނގި އެކްސިޑެންޓްގައި މަރުވި ފިރިހެނަކީ ޖޮނަތަން އެވެ. އަދި އެ ހާދިސާގައި މަރުވި އޭނާގެ އަންހެނުންނަކީ އުމުރުން 25 އަހަރުގެ އެމާ ގްރޭ ކަމަށާއި އެމީހުންނަކީ އިނގިރޭސިވިލާތުގެ ޔޯކްޝިއާ އަށް ނިސްބަތްވާ ބައެއް ކަމަށް ވެސް ދަ ގާޑިއަން ގައިވެ އެވެ.
އެނޫސް ބުނި ގޮތުގައި އެ ދެ މަފިރިންނަށް ހެޔޮއެދޭ ފަރާތްތަކުން ދަނީ ހަލިފާޒްގައި ހުންނަ އެމީހުންގެ ގޭގެ ބޭރުގައި މާބޮނޑިތައް ބަހައްޓަމުންނެވެ. އަދި އެގެއަށް ދިޔަ ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމާގެ ބޭބެ ބުނި ކަމަށް ވަނީ އެދެމަފިރިންނަކީ "ގޯލްޑެން ކަޕްލްއެއް" ކަމަށެވެ.
އެމާގްރޭއަކީ ހަލިފާޒްގެ ހޯލީ ޓްރިނިޓީ ސްކޫލްގެ ޓީޗަރެއް ކަމަށާއި އޭނާއަކީ އެސްކޫލްގެ ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫކު ޓީޗަރެއް ކަމަށް ސްކޫލްގެ އިސްފަރާތްތަކާ ހަވާލާދީ ދަ ގާޑިއަން ގައިވެ އެވެ.
ކައިވެނިކުރިތާ ހަތް ދުވަސް ފަހުން ރާއްޖޭގައި މަރުވި ޖޮނަތަން އާއި އެމާގެ ހަ މަސްވީ ތުއްތު ދަރިއެއް ހުރި ކަމަށާއި އެކުއްޖާ ހުރީ އެ ކުއްޖާގެ މާމަ އާއި ކާފަގެ ކައިރީގައި އިނގިރޭސިވިލާތުގައި ކަމަށް ވެސް ގާޑިއަން ނޫހުގައިވެ އެވެ.
އެ ދެ މީހުން ކުރެއްދޫގައި މަރުވި ސަބަބު އަދިވެސް މުޅިން ސާފު ނުވާ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ރާއްޖޭގެ ފުލުހުންނާއި ކަމާ ބެހޭ އެހެން ދާއިރާތަކުން ސާފުކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުނި ކަމަށް ވެސް އެނޫހުގައިވެ އެވެ.