06 Dec 2017, 18:51
ފަލަސްތީނުގެ ގުދުސާއި އެތަނުގައި ހުންނަ އަލްމަސްޖިދުލް އަގްސާގެ ދިފާއުގައި ދިވެހިން އަޑު އުފުލަން ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އަލް މަސްޖިދުލް އަގްސާ އަކީ މުސްލިމްގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާ އެވެ. ޔަހޫދީން ބުނަމުން އަންނަނީ އެމަތިވެރި މިސްކިތަކީ އެމީހުންގެ ފައްޅިއެއް ކަމަށެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިޒްރޭލުގެ ގަދަބާރުގެ ދަށަށް ގެނައީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގަ އެވެ. އަދި ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެ ނިންމުމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަކީ އަލް އަގްސާ ތަޅާލުމުގެ ފެށުން ކަމަށެވެ. އަދި އެއީ އިސްލާމީ އުއްމަތާ ދެކޮޅަށް ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައިވެ އެވެ.
"ފަލަސްތީނާއި ގުދުސް އަދި އަލް މަސްޖިދުލް އަގްސާގެ ދިފާއުގައި ދިވެހި ރާއްޖެ އާއި، ދިވެހި ރައްޔިތުން އަޑު އުފުލަން ވާނެ ކަމަށް ދެކެން،" ޝަހީމްގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ.
ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަމްޕު މިއަދު އިއުލާން ކުރައްވާނެ ކަމަށް އެގައުމުގެ މަސްއޫލުވެރިން ކަށަވަރު ކޮށްދީފައިވީ ނަމަވެސް، އދ. ގެ ގަރާތުތަކާއި ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފު އެ ނިންމުމަށް އަރަބި އިސްލާމީ ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ބާރު ތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.
އެގޮތުން ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމައިފިނަމަ މުޅި އަރަބި ދުނިޔޭގެ ރުޅިވެރިކަން އެމެރިކާ އަށް އަމާޒުވެ އިތުރު ހަމަނުޖެހުންތައް އުފެދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ދަންނަވައިފަ އެވެ.
ގުދުސްގައި ހުންނަ މުސްލިމުންގެ މުގައްދަސް ތަންތަނުގެ ބެލެނިވެރި ފަރާތް ކަމަށްވާ އުރުދުންގެ ރަސްގެފާނު އަބްދުﷲ ވެސް ވަނީ އެއީ ސުލްހައިގެ މަސައްކަތް ހުއްޓުމަކަށް ގެނެސް އިތުރު ހަމަނުޖެހުން އުފެދޭނެ ކަމެއް ކަމަށް ވިދާޅުވެ އެމެރިކާއަށް އިންޒާރު ދެއްވާފަ އެވެ.
އެމެރިކާގެ އެ ނިންމުން ތަންފީޒު ކޮށްފިނަމަ އިސްރާއީލާ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރާއެކު އެމެރިކާ އަށް އަބަދުވެސް ފާޅުގައި ބަސް ވިދާޅުވަމުންދާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ގުދުސް އަކީ މުސްލިމުންނަށް ރަތް ރޮނގެއް ކަމަށާއި އެ ރޮނގު އެއްވެސް ބަޔަކަށް ހުރަސް ނުކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ ފުރާންސްގެ ރައީސް އެމަނުއެލް މޭކަން ވެސް ވަނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން ޖެހޭނީ ފަލަސްތީނާއި އިސްރާއީލުން ބާއްވާ ސުލްހައިގެ މަޝްވަރާ ތަކުގެ ތެރެއިން އެއްބަސްވެގެން ކަމަށް ޓުރަމްޕަށް ދަންނަވައިފަ އެވެ.
އަރަބިންގެ އިތުރުން އިސްލާމީ ދުނިޔެއަށް މި މައްސަލަ ހައްސާސްވާ ސަބަބަކީ ގުދްސުގައި މުސްޖިދުލް އަގްސާ ހުރުމާއެކު އިސްލާމީ ތަރީޚާއި ގުދްސު ގުޅިފައި ވުމުގެ އިތުރުން ކީރިތި ރަސޫލާ (ސލވ) ގެ އިސްރާއާއި މިޢްރާޖުގެ ދަތުރުފުޅު ގުދްސާއި މަސްޖިދުލްއަގްސާ އާ ގުޅިފައި ވުމެވެ.