އެމެރިކާއިން އިސްރާއިލުގެ ވެރިރަށަށް ގުދުސް ހެދުމާ ދެކޮޅަށް ހުރިހާ މުސްލިމުން ތެދުވާނެކަމަށް އިރާނުގެ ރޫހީ ލީޑަރު ސައްޔިދު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާގެ އީދުމީލާދުގެ މުނާސަބަތުގައި އިރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި އިސްލާމިކް ޔުނިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޚާމަނާއީ ވިދާޅުވީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ހަދަން އެމެރިކާއިން ބޭނުންވަނީ އެމީހުންގެ ނާގާބިލް ކަމުން ކަމަށާއި އަދި އެ ޕްލޭނާ ދެކޮޅަށް ހުރިހާ މުސްލިމުން ތެދުވާނެ ކަމަށެވެ. އަދި ވިދާޅުވީ އާހިރުގައި ޒަޔަނިސްޓުން ވިއްސި ވިހާލިވެ ފަލަސްތީން މިނިވެގެން ދާނެ ކަަމަށެވެ.

ފަލަސްތީނުގެ މައްސަލައަކީ މިހާރު އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލަކަމަށާއި. ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ހުރިހާ މުސްލިމުން ތެދުވަންޖެހޭ ކަމަށް ވެސް ޚާމަނާއީ ވިދާޅުވިއެވެ.

ޚާމަނާއީ މީގެ ކުރިން ވަނީ އެމެރިކާއާއި ޒަޔަނިސްޓުން އަދި އެފަރާތްތަކާ ގުޅިފައިވާ ފަރާތްތަކަކީ މިޒަމާނުގެ ފިރުއައުނުގެ ގޮތުގައި ސިފަކޮށްފައެވެ.

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ހަމަޖައްސައިފައިވާއިރު ،ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ އެކަން ނުކުރުމަށް އެދި އެމެރިކާއަށް ބާރުއަޅަމުންނެވެ.