06 Dec 2017, 17:07
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން ރޭވުމުގެ ދައުވާ ކުރީގެ ފުލުހެއްގެ މައްޗަށް ޓްވިޓާ މެދުވެރިކޮށް ރައީސް އަވަހާރަކޮށްލަން ހިތްވަރުދީފައިވާތީ ކަމަށް ދައުލަތުން ބުނެފިއެވެ.
ކުރީގެ ޕޮލިސް ކޯޕްރަލް، ހއ. ހޯރަފުށި، ދަނބުމާގެ، އިބްރާހިމް ސަލީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ.
ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ އާއިޝަތު އަޒްލީނާ ވިދާޅުވީ، ސަލީމް ގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ، ދެ ޓްވިޓާ އެކައުންޓެއް މެދުވެރިކޮށް ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރުދީ ފައިސާ ހުށަހަޅާފައިވާތީ ކަމަށެވެ.
އެ ދައުވާ އަށް ސަލީމް ވަނީ އިންކާރުކޮށްފައެވެ.
އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. އެގޮތުން ދައުވާގައި ބުނެފައިވަނީ ރައީސް އަވަހާރަކޮށްލަން ހިތްވަރު ދިނުން ކަމަށާއި ނަމަވެސް ދައުވާކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ ކަމަށް ނޫރު ވިދާޅުވި އެވެ. އެހެންކަމުން ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ ނުކުރީ ކީއްވެތޯ ނޫރު ވަނީ ސުވާލު ކުރައްވާފަ އެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރުދީކޮށްފައިވާ ޓްވީޓަކީ ކޮބައިކަން ދައުވާގައި ނެތީ ކީއްވެތޯ ނޫރު ވަނީ ސުވާލުކޮށްފަ އެވެ.
ސަލީމްގެ ފަރާތުން ކުރިމަތި ކުރުވި ސުވާލުތަކަށް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދިނުމުގެ ފުރުސަތަކަށް ދައުލަތުން މިއަދު ވަނީ އެދިފައެވެ. ގާޒީ އާދަމް އާރިފް ވިދާޅުވީ އެ ފުރުސަތު ދައުލަތަށް ލިބޭނެއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ހެކީގެ ގޮތުގައި ސިއްރު ހެކިންނާއި ލިޔުންތަކުގެ އިތުރުން ސަލީމްގެ ފޯނު ކޯލް ތަފްސީލު ހުށަހަޅާފައިވާނެ ކަމަށެވެ.
ސަލީމްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ.