ކޮރަޕްޝަނުގެ މައްސަލަައިގައި ހައްޔަރުކުރި ގިނަ ޕްރިންސުންތަކެއް ފައިސާގެ ގިނަ އަދަދުތަކެއް ދެއްކުމުން ދޫކޮށްލައިފިކަމަށް ސައުދީގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަަލްމާން އަލް ސައުދު އިސްނަންގަވައިގެން އުފެއްދެވި ކޮމެޓީން ވަނީ ޕްރިންސުންގެ އިތުރުން ސައުދީގެ ވަޒީރުންނާއި އަދި ވިޔަފާރިވެރިން ވެސް ހައްޔަރުކޮށްފައެވެ. އެގޮތުން 320 މީހުންނާ މުޅިއެކު ސުވާލުކުރިއިރު 159 މީހުން ސައުދީން ހައްޔަރުކުރިއެވެ.

ހައްޔަރުކުރި ޕްރިންސުންގެ ތެރެއިން ފައިސާ ދެއްކުމަށް ދެކޮޅުހެދި ޕްރިންސުންނާ ދެކޮޅަށް ދައުވާކުރުމަށް ހަމަޖެހިފައިވާ ކަމަށް ސައުދީން ބުންޏެވެ.

ހައްޔަރުގައި މިހާރު ތިއްބެވި ޕްރިންސުން ސައުދީން ހާމަކޮށްފައެއް ނުވެއެވެ.

ސައުދީގެ ޕްރިންސެއް ކަމަށްވާ މުތައިބް ބިން އަބްދުﷲ، ސައުދީން ދޫކޮށްލައިފައިވަނީ އެއް ބިލިއަން ޑޮލަރު ދެއްކުމުންނެވެ. ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ސައުދީ ޕްރިންސުން އެއްބަސްވެފައިވާއިރު، ސުވިޒަލެންޑުގެ ބޭންކުތަކުން ބުނިގޮތުގައި އެބޭންކުތަކުގައި އެކައުންޓު ހުޅުވައިފައިވާ ސައުދީ ރައްޔިތުންގެ ފަރާތުން ޝައްކުކުރެވޭ ކަންތަައްތަކެއް ދަނީ ފެންނަމުންނެވެ.

މުހައްމަދު ބިން ސަލްމާން ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތްތަކަކީ ވެރިކަމުގެ ދަހިވެތިކަމުގައި ފެއްޓެވި ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ނަމަވެސް މުހައްމަދު ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަަށެވެ.