ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު އޭވައިއެލްއާ ދެކޮޅަށް ކުޅުނު މެޗް 1-0 ލަނޑުން މާޒިޔާއިން ކާމިޔާބުކޮށް ގްރޫޕްގެ ދެ ވަނަ މަޤާމް ދިފާއު ކޮށްފި އެވެ.

ގްރޫޕް އޭގައި ވާދަކުރާ މި ދެޓީމް އިއްޔެ ކުޅުނު މެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބުނު ކަމުގައި ވިޔަސް، ދެ ޓީމަށް ވެސް ވަނީ އެ ފުރުޞަތު ތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފި ބޭކާރު ވެފަ އެވެ. އެހެން އިއްޔެ މެޗްގައި މާޒިޔާއިން ޖެހި ހަމަ އެކަނި ލަނޑު އެޓީމުން ޖަހާފައި ވަނީ މެޗްގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އަހުމަދު ސުޒޭރެވެ.

މެޗުން މޮޅުވެ، ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނަ މަޤާމް މާޒިޔާއިން ދިފާއު ކުރިއިރު، އެއް ވަނާގައި އޮތް ވީބީއަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެހެން ނަމަވެސް ގޯލްގެ ތަފާތުން ވީބީއަށް ފައިދާ ހަ ގޯލް ކާމިޔާބު ކޮށްފައި ވާއިރު، މާޒިޔާއަށް އޮތީ ފައިދާ އެއް ގޯލެވެ. ގްރޫޕްގެ ތިން ވަނާގައި، ދެ ޕޮއިންޓާއެކު ވެލެންސިޔާ އޮތް އިރު، ފުލުގައި އޮތީ އޭވައިއެލް އެވެ.

މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމާއެކު ޖުމްލަ ފަސް ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އަދި ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ބީ ފަޅިން ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 16:40 ގައި ޓާފް އެންނަންބަރު ދަނޑުގައެވެ.