06 Dec 2017, 16:33
އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އެއް ގްރޫޕެއްގައި ވާދަކުރާން ޖެހިއްޖެއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ނިއުއަށް ވަނީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިފައެވެ. ދެކުނު އޭޝިއާއަށް ހާއްސަކޮށްފައިވާ ގްރޫޕުން އަދި ޖާގަ ކަށަވަރު ވެފައި ވަނީ ނިއު އަށާއި އައިޒޯލް އަށެވެ. އައިޒޯލުން ޖާގަ ކަށަވަރުކޮށްފައިވީ ނަމަވެސް، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އައިޒޯލަށް ފުރުސަތު ލިބިއްޖެ ނަމަ، އެ ޓީމުގެ ބަދަލުގައި މި ގްރޫޕަށް އަންނާނީ އިންޑިއާގެ ލީގުގެ ރަނަރަޕް މޯހަން ބަގާން އެވެ.
ނިއު ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ އައިޒޯލްގެ އިތުރުން ބަންގްލަދޭޝް ޗެމްޕިއަން އަދި ޕްރިލިމިނަރީ ބުރު ކާމިޔާބު ކޮށް ޕްލޭއޮފް ކާމިޔާބު ކުރާ ޓީމެވެ. ގްރޫޕުގައި ވާދަކުރުމަށް ފަހު އެއް ވަނަ ޓީމަށް އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ޕްރިލިމިނަރީ ބުރުގައި ވާދަ ކުރާނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕް ޗެމްޕިއަންނެވެ. ޕްރިލިމިނަރީ ބުރުގައި ޓީސީގެ ފުރަތަމަ ލެގު އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުއެވެ. ދެ ވަނަ ލެގު އޮންނާނީ ޖެނުއަރީ 30ގައެވެ.
ޕްލިމިނަރީ ބުރު ކާމިޔާބު ކުރާ ޓީމުތަކަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޓީސީ ޕްލޭއޮފަށް ދަތުރު ކޮށްފިނަމަ ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑް ކުޅެ ކުރި ހޯދާ ޓީމަކާ އެވެ. ޕްލޭއޮފުގެ ލެގުތައް އޮންނާނީ ފެބްރުއަރީ 13 އަދި ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.
މިއަހަރުގެ މުބާރާތް ކުޅޭނީ ޒޯންތަކަށް ބަހާލައިގެންނެވެ. ނަމަވެސް މިދިޔަ އަހަރު ޒޯންތަކަށް ނުބަހައި ކުޅުނު މުބާރާތުގައި އިންޑިއާގެ ބެންގަލޫރު އެފްސީ ވަނީ ފައިނަލުގައި ކުޅެފައެވެ. އެއީ ދެކުނު އޭޝިއާގެ ޓީމެއް މުބާރާތުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އޭގެ ކުރިން 2005 ވަނަ އަހަރު ނިއު ވަނީ އެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައެވެ.