06 Dec 2017, 15:35
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޗައިނާ (ސީނުކަރަ)އަށް ވަޑައިގެންފިއެވެ.
ޗައިނާގެ ރައީސް ޝި ޖިންޕިންގގެ ދަޢުވަތަކަށް ޗައިނާއަށް ކުރައްވާ އެ ދުރުފުޅުގައި އެ ގައުމާއި ދިވެހި ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސްގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވިޔަފާރި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީނާއި ޗައިނާގެ ރައީސް ---- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ އެ ދަތުރުފުޅުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ވެސް ބެލެވެއެވެ.
ހަތަރު ދަވަހުގެ އެ ދަތުރުފުޅުގައި ޗައިނާގެ އިސްވެރިންނާ ބައްދަލްކުރައްވައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެމަނިކުފާނު މީގެ ކުރިން ވަނީ 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރު ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.
ނަމަވެސް ޗައިނާގެ ރައީސް ޝި ޖިންޕިންގގެ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގަނެފައެވެ. ޝީ ޖިންފިންގ ގެ ފުރަތަމަ ދަތުރުފުޅަކީ ޗައިނާގެ ރައީސަކު ދިވެހި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެން ފުރަތަމަ ފަހަރެވެ.
މީގެ 42 އަހަރު ކުރިން، 1972 ވަނަ އަހަރުން ދެ ގައުމުގެ ދެމެދުގައި ވަނީ ޑިޕޮލަމެޓިކް ގުޅުން ގާއިމުކޮށްފަ އެވެ.