ޔަމަނަަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތްތަކުން އަރައިގަތުމުގެ ގޮތުން ހަމަލާބަދަލުކުރުން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލުމުންވެސް ސައުދީން ދަނީ ޔަމަނުގެ ވެރިރަށް ސަނާއަށް ބޮން އަޅަމުން ކަމަށް އދ. އިން ބުނެފިއެވެ.

އދ.ގެ ސްޕޯކްސްޕާސަން ސްޓެފަން ޑުޖޭރިކް އިއްޔެ ވިދާޅުވީ ސައުދީން، އެއްގަމުމަގުން ދެމުން ދިޔަ ހަމަލާތައް މަޑުޖައްސާލިނަމަވެސް ވައިގެ ހަމަލާތައް ދިނުން އިތުރުކޮށްފައިވާ ކަމަށެވެ.

ސްޓެފަން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުތެރޭ ވެސް ސައުދީން ޔަަމަނަށް 25 ފަހަރު ބޮން އަޅައިފައިވާ ކަމަށާއި އަދި ހަމަލާތައް އދ. އިމާރާތާ ކައިރިއަށް ވެސް އަމާޒުވެފައިވާ ކަމަށެވެ.

ޔަމަނުގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ކަމަށާއި އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ސައުދީއަށް ދަތުރުކުރި ހަތް އުޅަނދެއް ސައުދީން ހުއްޓުވައިފައިވާ ކަމަށްވެސް ސްޓެފަން ވިދާޅުވިއެވެ.

ސައުދީން ވައިގެ ހަމަލާތައް ދިނުން އިތުރުކުރީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިހް އަވަހާރަކޮށްލި ފަހުންނެވެ. ސައުދީއާ ދެކޮޅަށް ޞާލިހް ހަނގުރާމަކުރައްވަމުން ދިޔަކަމުގައި ވިޔަސް އަވަހާރަކޮށްލުމުގެ ތިން ދުވަސް ކުރިން ޞާލިހު ވަނީ ޝަރުތުތަކާއެކު ސައުދީއާ ގުޅުންތައް އާފެށުމަކުން ފަށަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

އދ.ގެ ސެކިޔުރީޓީ ކައުންސިލުން ވެސް ވަނީ ޔަމަނުގެ ރައްޔިތުން ބަނޑަށްޖެހި އިންސާނީ މުސީބާތަކަށް ޖެހިގެން ހިނގައިދާނެކަމުގެ އިންޒާރު ދީފައެވެ. މީގެ ކުރިން އދ. އިން ވަނީ ސައުދީން ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ ކުޑަކުދިން މަރުވަމުންދާ ކަމަށްބުނެ ބްލެކްލިސްޓު ވެސް ކޮށްފައެވެ.

ސައުދީން ޔަމަނާ ދެކޮޅަށް 2015އިން ފެށިގެން ހަނގުރާމަކުރަމުންދާއިރު ޔަމަނުން މިހާތަނަށް ވަނީ 12،000 މީހުން މަރުވެފައެވެ. އަދި ގައުމުގެ ހޮސްޕިޓަލުތަކާއި، ސްކޫލުތަކާއި އަދި ފެކްޓްރީތައް ވަނީ ވަރަށް ބޮޑަށް ސުންނާފަތިވެފައެވެ.