06 Dec 2017, 15:43
އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވައިލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގް އާއި ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ގެންދަވަނީ ދޭތެރެ ދޭތެރެއިން ލަންކާއަށް ވަޑައިގެން އެގައުމުގައި ހުންނަ ބޭރު ގައުމުތަކުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވަމުން ނެވެ.
މިފަހުން ނަޝީދު ލަންކާއަށް ވަޑައިގަތީ ކޮން އިރަކު ކަމެއް ސީދާ ނޭނގެ އެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާން އަދި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުހިއްމު "މިޝަން" އަކަށް ނަޝީދު ލަންކާއަށް ވަޑައިގަންނަވާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
އެގޮތުން ނަޝީދު މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވާއިރު އެގައުމުގެ ބޮޑުވަޒީރު ރަނިލްއާ ބައްދަލު ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަނިލް އާއެކު ބޭއްވި ބައްދަލުވުމުގައި އެންމެނަށް ބައިވެރިވެވޭ، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ނަޝީދު ވަނީ މިދިޔަ ޖުލައި މަހު އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ރަނިލްއާ ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އޭގެ އިތުރުން ނަޝީދު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާގެ ރައީސް މައިތިރްޕާލާ ސިރިސޭނާއާ ވެސް ބައްދަލު ކުރައްވައިފައެވެ.