08 Aug 2011, 12:39
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ނިއު ރޭޑިއަންޓާއި ކްލަބު އީގަލްސް ބައްދަލުކުރާނެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ 10:00 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ދެޓީމް ނުކުންނައިރު، މި މުބާރާތުގައި ބައިވެރިވެފައި ވަނީ މުޅިން ވެސް ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކެވެ. އަދި މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ ތެރެއިން ބައިވެރިނުވަނީ ވިޔަންސާ އެވެ.
ޖުމްލަ ހަތް ޓީމް ވާދަކުރާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. ގުރޫޕް އޭގައި ހިމެނެނީ ނިއު އާއި އީގަލްސް އާއި ވިކްޓަރީ އަދި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ. ގުރޫޕް ބީގައި އޮތީ ވީބީ އާއި މާޒިޔާ އަދި ވެލެންސިއާ އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އާއި ދެ ވަނަ ޓީމެވެ. ދެ ގުރޫޕުން އެއްވަނަ ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.
ފުރަތަމަ ސެމީން ބަލިވާ ޓީމަކަށް ފައިނަލުގެ ފުރުސަތު އޮންނާނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވެގެނެވެ. ތިން ވަނަ ސެމީގައި ދެން ވާދަކުރާނީ ދެ ގުރޫޕުން ދެވަނަ އަށް ދާ ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ސެމީން މޮޅުވާ ޓީމެކެވެ.