އަންނަ އަހަރު ދެކުނު ކޮރެއާގެ ޕިޔޮންޗެންގްގައި ބާއްވާ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާގެ އޮލިމްޕިކްސް ޓީމަށް ވާދަ ނުކުރެވޭ ގޮތަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ނިންމައިފިއެވެ.

އައިއޯސީ އިން ބުނީ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާއަށް ބައިވެރިނުވެވުނު ނަމަވެސް، ރަޝިޔާގެ އެތުލީޓިންނަށް ޤައުމު ތަމްސީލް ނުކުރާ ގޮތަށް މި މުބާރާތުގައި ވާދަކުރެވޭނެ ކަމަށެވެ. މިފިޔަވަޅު ރަޝިޔާއާ ދެކޮޅަށް އަޅާފައި މިވަނީ 2014 ވަނަ އަހަރު ރަޝިޔާގެ ސޯޗީގައި ބޭއްވި އޮލިމްޕިކްސްގައި އެޤައުމުގެ ސަރުކާރުގެ އެހީގައި އެތުލީޓުން މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމާ ގުޅިގެންނެވެ.

މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ރަޝިޔާގެ 25 އެތުލީޓަކާ ދެކޮޅަށް ފިޔަވަޅު އަޅައި، މެޑަލް އަތުލާފައިވެއެވެ. އަދި މަނާ ބޭސް ބޭނުން ކުރިކަން ސާބިތުވެގެން ރަޝިއާގެ ފަސް އެތުލީޓަކު ވަނީ އުމުރަށް ސަސްޕެންޑް ކޮށްފައެވެ. އެ ފަސް އެތުލީޓުން ސަސްޕެންޑް ކޮށްފައި ވަނީ އައިއޯސީ ޑިސިޕްލިނަރީ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގުގެ ނަތީޖާތަކަށް ބެލުމަށް ފަހު އެވެ.

ރަޝިޔާ އާއި ދެކޮޅަށް ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީން މިފިޔަވަޅު އަޅާފައި މިވަނީ 17 މަސްދުވަހުގެ ދިގު ތަހުޤީޤަކަށްފަހުއެވެ. މި ތަހުޤީޤުގައި އިސްކޮށް ޙަރަކާތްތެރިވީ ސްވިޓްޒަލެންޑްގެ ކުރީގެ ރައީސް ސެމުއަލް ޝްމިޑްއެވެ.

އޮލިމްޕިކް ކޮމީޓީގެ ރައީސް ތޯމަސް ބަކް ވިދާޅުވީ، ރަޝިޔާގެ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އޮލިމްޕިކް ކުޅިވަރުތަކާ ޖުމްލަކޮށް ކުޅިވަރުގެ ރޫޙާ ޚިލާފަށް ރަޝިޔާއިން ކުރިކަމެއްކަމަށެވެ.

ސަސްޕެންޑްކުރި ރަޝިއާގެ ފަސް އެތުލީޓުންގެ ތެރޭގައި ރިހި މެޑަލް ހޯދި ރިލޭ ޓީމުގައި ހިމެނޭ ބަޔައެތުލީޓްސް ޔާނާ ރޮމަނޯވާ އާއި އޮލްގާ ވިލުކީނާ ހިމެނެ އެވެ. ރިލޭ ޓީމާ އެކު ހޯދި ރިހި މެޑެލްގެ އިތުރުން އަންހެނުންގެ ސްޕްރިންޓް އިވެންޓުގައި ވިލުކީނާ ހޯދި މެޑެލް ވެސް އޭނާ އަތުން އަތުލާނެ އެވެ. އެ ދެ އެތުލީޓުންނަކީ މިހާރު ރިޓަޔާ ކޮށްފައިވާ ދެ އެތުލީޓުންނެވެ.

ސަސްޕެންޑްކުރި އެތުލީޓުންގެ ތެރޭގައި ރަން މެޑެއްޔެއް ހޯދި އެލެކްސޭ ނެގޮޑައިލޯ އާއި ޑިމިޓްރީ ޓްރުނެންކޯވް އަދި ފިރިހެނުންގެ ސްކެލެޓަން އިވެންޓުން ފަސް ވަނަ ހޯދި ސާޖީ ޗުޑިނޯވް ވެސް ހިމެނެ އެވެ.