06 Dec 2017, 11:39
ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ދެ ޕްރޮޖެކްޓް ކޯޑިނޭޓަރުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ދެ ޕްރޮޖެކްޓް ކޯޑިނޭޓަރުން ބޭނުންވާ ކަމަށެވެ. މި މަސައްކަތުގެ މަސްއޫލިއްޔަތަކީ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމާއި ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓްގެ މަސައްކަތްތައް ބެލުމުގެ އިތުރުން ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދޭތޯ ބެލުމެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރު 11 ހޯމަ ދުވަހު 14:00ގެ ކުރިން ހައުސިން މިނިސްޓްރީއަށް "ޓާމްސް އޮފް ރެފަރެންސް" ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އެދެއެވެ. މީގެ އިތުރުން ސީވީ އާއި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ. މި ވަޒީފާގެ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފއިވަނީ 15000 ރުފިޔާ އެވެ.
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ މިސްކިތަކީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށް ވާއިރު އެ މިސްކިތް އަޅަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މަޝްރޫގެ އަގަކީ 24.95 މިލިއަން ޑޮލަރެވެ.
ކިންގް ސަލްމާން މިސްކިތް އަޅަނީ އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގައެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައިވެ އެވެ.
މިސްކިތުގައި އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް އެތަނުގައި ގާއިމުކުރެވިގެންދާނެ އެވެ. މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް އެތަނުގައި ހެދުމަށް ވަނީ ނިންމާފައެވެ.
އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެ އެވެ.