ހޯމަ ދުވަހު ދުނިޔެ ދޫކުރި ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލު ޝަޝީކަޕޫރަށް ބޮލީވުޑްގެ ތަރިން އެންމެ ފަހުގެ އިހްތިރާމް ޓުވީޓުތަކުން އަދާކުރަމުންއެބަދައެވެ.

ބޮލީވުޑްގެ ގިނަފަންނާނުންގެ އިހްތިރާމާ ލޯބި ލިބިފައިވާ ޝަޝީ ކަޕޫރަށް ލަތާ މަންގޭޝްކަރާއި، މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރާއި، އަލީ ޒަފަރު އަދި ރާޖް ބައްބަރު ފަދަ ބޮލީވުޑްގެ ފަންނާނުން ވަނީ އެންމެ ފަހުގެ އިހްރިތާމް އަދާކުރުމުގެ ގޮތުން ޓުވީޓުތައް ކޮށްފައެވެ.

ސަޝީ ކަޕޫރަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ޕްރިޔަންކާ ޗޯޕްރާ ކުރި ޓުވީޓުގައި ބުނީ ޝަޝީ އަކީ މުޅި ދުނިޔެއަށް އުފާވެރިކަން ގެނެސްދިން ހުނަރުވެރި ފަންނާނެއް ކަމަށާއި އަދި އޭނާއަކީ އިންސާނިއްޔިއްތަށް ހިދުމަށްކޮށްދިން ނަމޫނާ ތަރިއެއް ކަމަށެވެ. އަދި ސަޝީއާ ބައްދަލުވުމުގެ ނަސީބު ލިބުމުން ފަޙުރުވެރިވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޝަޝީއަށް އެންމެފަހުގެ އިހްތިރާމް އަދާކޮށް ތައުޒިޔާކިޔަމުން އާމިރުހާން ކުރި ޓުވީޓުގައި ބުނީ ޝަޝީއަކީ ހަމައެކަނި މޮޅު ފިލްމީތަރިއެއް ނޫންކަމަށާއި އޭނާއަކީ ނަމޫނާ އިންސާނެއް ކަމަށެވެ. އަދި ބުނީ ޝަޝީ ދުނިޔެދޫކޮށް ދިޔުމަކީ ފިލްމީ ހުރިހާ ފަންނާނުންނަށްވެސް އައި ހިތާމަވެރި ދުވަހެއް ކަމަށެވެ.

ލޯބީގެ ބައިތައް ކުޅުމުގައި، 70ގެ އަދި 80ގެ އަހަރުތަކުގައި އެފަދަ ދެވަނައެއް ނުވާ ބޮލީވުޑް ލެޖެންޑް ޝަޝީ މަރުވެފައި ވަނީ، ކިޑްނީގެ ބައްޔަށް ފަރުވާ ހޯދަމުންދާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، އުމުރުން 79 އަހަރުގައެވެ.

ޝަޝީ މަރުވިއިރު އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ ބޮމްބޭގެ ކޮކިލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ތެރޭގައި ޝަޝީއަށް ވަނީ އިންޑިއާ ސަރުކާރުން ދޭ، ޕަދުމާ ބުޝަން އެވޯޑު ލިބިފައެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ، ދާދާސާހެބް ފަލްކޭ އެވޯޑް ހޯދައިފައެވެ.