ރިޔާޒް (އޮގަސްޓް 8) : ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާއި މީހުން މެރުމުގެ ޢަމަލުތައް ހުއްޓުވުމަށް ސަޢޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ސޫރިޔާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ސަޢޫދީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޢަބްދުﷲ ވިދާޅުވީ ސޫރިޔާ ސަރުކާރާ ދެކޮޅަށް ތެދުވާ މީހުންނާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކޮށް މީހުން މަރަމުންގެންދާ މިންވަރުން ސިހުން ލިބިވަޑައިގެންފައިވާ ކަމަށާ ސޫރިޔާ ސަރުކާރުގެ ޢަމަލުތައް ޤަބޫލު ނުކުރެވޭނެ ކަމުގައެވެ.

މިއީ މީގެ ތިންމަހެއްހާ ދުވަސް ކުރިން ސޫރިޔާގައި ކުރިޔަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ސަރުކާރުން ސޫރިޔާ އަށް މިހާފާޅުކަން ބޮޑުގޮތެއްގައި ފާޑުކީ ފުރަތަމަ ފަހަރެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރަމުންދާ މައްސަލާގައި ޢަރަބި ޤައުމުތަކުން މިހާތަނަށްތިބީ ހިމޭނުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ސޫރިޔާ ގެ ރަށެއްކަމަށްވާ ދީރުއްޒޫރުގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އިއްޔެއާއި އޭގެ ކުރީދުވަހު ދިން ޙަމަލާތަކުގައި 76 މީހަކު މަރުވެފައިވެއެވެ. އަދި ހުކުރުދުވަހު ޙިމްސް އާއި އިދްލަބް ގައި އިދިކޮޅަށް މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ބަރުހަތިޔާރުން ޙަމަލާދީ 21 މީހަކު މަރާލާފައިވެއެވެ.

މިދިޔަ ހަފްތާގައި ސޫރިޔާގެ ޙަމާއަށް ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި 52 މީހުން މަރުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ. އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސޫރިޔާ ސަރުކާރުން ބާރުގެ ބޭނުންކޮށް މީހުން މަރާމިންވަރު މައްޗަށް ދާތީ ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންވެސްވަނީ ސޫރިޔާގެ ވެރިން ކުށްވެރިކޮށް ވާހަކަ ދައްކަވާފައެވެ.

ސޫރިޔާ ގެ ރައީސް ބައްޝާރުލްއަސަދްގެ މުސްތަޝާރާ ބުޘައިނާ ޝަޢްބާން ވަނީ މިމައްސަލާގައި ސޫރިޔާއަށް ފާޑުކިޔާ ފަރާތްތަކަށް ބަހުގެ ޙަމަލާދެއްވައި ސޫރިޔާގައި ސަރުކާރާ ދެކޮޅަށް ކުރިޔަށްދަނީ ރައްޔިތުންގެ އިންޤިލާބެއް ނޫންކަމަށާ އެއީ ބޭރުގެ ފަރާތްތަކެއް އަޑީގައި ތިބެގެން ހިންގާ ނުބައިރޭވުންތަކެއް ކަމަށް ސިފަކުރައްވައި އިދިކޮޅު ފަރާތްތަކަށް ދޫނުދެއްވާނެކަން ހާމަކުރައްވާފައެވެ. (އަލްޖަޒީރާ)