06 Dec 2017, 10:42
ފަސްރުފިޔާގެ ކަރުދާސް ނޫޓު ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭނީ މިއަހަރުގެ ނިޔަލަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ ވިޔަފާރި މުއާމަލާތްތަކުގައި ފަސް ރުފިޔާގެ ކަރުދާސް ނޫޓު މި އަހަރުގެ ނިޔަލަށް ބޭނުންކުރެވުނަސް 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ނޫޓުތަކަށް އެ ބޭންކުން ބަދަލުދޭނެ ކަމަށެވެ.
ފަސްރުފިޔާގެ ޕޮލިމާ ނޫޓް ބޭނުން ކުރަންފަށާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައާރަފްކުރި ރަން ދިހަފަހެއްގެ އާ ފަސް ރުފިޔާގެ ނޫޓް -- ފޮޓޯ: އެމްއެމްއޭ
ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް "ރަންދިހަ ފަހެއް"ގެ ނަމުގައި އާ ނޫޓް ސީރީޒެއް ވަނީ ތައާރަފްކޮށްފައެވެ. މި ނޫޓް ސީރީޒްގައި ހިމެނެނީ 100 ރުފިޔާ، 500 ރުފިޔާ، 100 ރުފިޔާ، 50 ރުފިޔާ، 20 ރުފިޔާ، 10 ރުފިޔާ އަދި ފަސް ރުފިޔާގެ ނޫޓެވެ.
"ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ނޫޓުތައް ފުރަތަމަ ނެރުނު އިރު ފަސް ރުފިޔާ ނެރުމަށް ހަމަޖެއްސީ ދަގަނޑު ފައިސާ ފޮއްޗެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން އެމްއެމްއޭއިން ނިންމީ ފަސް ރުފިޔާގެ ޕޮލިމާ ނޫޓެއް ނެރުމަށެވެ.
އެމްއެމްއޭ އިން ވަނީ ރާއްޖޭގައި ބޭނުން ކުރަމުން އައި ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވެސް ބަދަލުގެނެސް އަލުން ނެރެފައެވެ.