ސައުތު އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް މީޓިން އައްޑޫ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މީޓީންގައި ނޭޕާލް ފިޔަވައި ސައުތު އޭޝިއާގެ ހަތް ގައުމުން ބައިވެރިވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެއެވެ.
ރާއްޖޭގައި ބާއްވާ ސައުތު އޭޝިއާ ކައުންސިލް މީޓިންގައި، 2018 ވަނަ އަހަރު މިސަރަޙައްދުގައި ބާއްވާ މުބާރާތްތަކާއި މުބާރާތްތަކުގެ ތާރީޚްތައް ކަނޑައަޅާގޮތަށްވަނީ ހަމަޖެހިފައެއެވެ. އަދި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީގަވާއިދަށް ގެނެވޭ އިސްލާޙްތަކާއެކު އަސާސީ ގަވާޢިދު ފާސްކުރާނެއެވެ.
ސައުތު އޭޝިއާގެ ކައުންސިލް މީޓީން ރާއްޖޭގައި ބާއްވާއިރު، އެންމެ ފަހުން ބޭއްވުނު ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އިންތިޚާބްގައި އެ ފެޑެރޭޝަންގެ ނާއިބް ރައީސްގެ މަގާމަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތަލާލް ވަނީ އިންތިޚާބް ކޮށްފައެވެ.
ސައުތު އޭޝިއާ ކައުންސިލް މީޓީން ރާއްޖޭގައި ބޭއްވިގެން މިދަނީ ކުޅިވަރާ ބެހޭ ވުޒާރާއާއި އީކްއޭޓަރ ވިލެޖްގެ އެހީތެރިކަމާއެކުގައެވެ. މި މީޓިން ބާއްވާގޮތަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަވަނަތަކެއް ހޯދަމުން އަންނަ އީކްއޭޓަރ ވިލެޖްގައެވެ.