ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު މަރާލަން އުޅޭ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމައިފިއެވެ.

މައްސަލަ ނިންމި ގޮތުގެ ޗިޓުގައި ފުލުހުން ވަނީ، އެ މައްސަލަ ފައިލްކޮށްފައިވަނީ، އެ މައްސަލައިގައި އަދީބުގެ ވަކީލުން އެއްބާރުލުން ދީފައި ނުވާތީ ތުހުމަތު ކުރެވޭ ފަރާތެއް މިހާތަނަށް ހޯދިފައި ނުވާތީ ކަމަށް ބަޔާންކޮށްފައެވެ. އަދި އެ މައްސަލައިގައި ޕީޖީއާ މަޝްވަރާ ކުރުމުން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތްކަމަށް ބުނެފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އެ މައްސަލަ ފައިލް ކުރީ، އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދާ ގޮތަށް ކަމަށް އެޗިޓުގައި ފުލުހުން ބަޔާންކޮށްފައިވެއެވެ.

މައްސަލަ ނިންމި ގޮތުގެ ޗިޓުގެ ފޮޓޯއެއް ހިމަނައި އަދީބުގެ ގާނޫނީ ވަކީލެއް ކަމަށްވާ މޫސާ ސިރާޖު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެ މައްސަލާގައި ފުލުހުންނަށް އެއްބާރުލުން ދީފައިވާނެ ކަމަށެވެ. ނަމަވެސް މައުލޫމާތު ފޯރުކޮށްދިން ފަރާތުގެ ވަނަވަރު ފޯރުކޮށްދިނުމަށް ދެކޮޅު ހަދާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.