ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާ ދެވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ ގައިދީންގެ ފުރަތަމަ ގުރޫޕްގައި 50 ހަކަށް ގައިދީއަކު ހިމެނޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން ސަރުކާރުން މިނިވަންކުރާ 400 ގައިދީން ގެ ފުރަތަމަ ގުރޫޕް މިނިވަން ކުރުން އޮތީ މި ހަފުތާގެ ތެރޭގަ އެވެ. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ނައީމް )މޮނާޒާ( މިއަދު ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ގައިދީން މިނިވަން ކުރަން ފަށާނެ ކަމަށެވެ.

"ރައީސް ވެސް މިކޮޅުގައި ވަޑައިގެން ނޫޅުއްވާ. އަދި މިއަދު އެއްވެސް ގައިދީއަކު ދުލެއް ނުކުރަން. އެކަމަކު ދެން އެކެއް ނޫނީ ދެ ދުވަހެއް ވަރު ވާނީ،" މޮނާޒާ ނައީމް ވިދާޅުވި އެވެ.

ރައީސް ދެވަނަ ފުރުސަތު ދެއްވާ ގައިދީންނާއި ގުޅޭގޮތުން ޕުރެސް ސެކްރެޓަރީ ޒުހައިރު މިއަދު ވިދާޅުވީ މި ހަފުތާ ތެރޭގައި މިނިވަންކުރާ "އެކި ގިންތި ތަކުގެ 50 ހަކަށް ގައިދީއެއްގެ ލިސްޓެއް ހޯމް މިނިސްޓްރީން ގެންގުޅުއްވާ ކަމަށާއި އެމީހުން ދޫކޮށް ލެވޭނީ އެކި ބެޗް ބެޗަށް" ކަމަށެވެ.

މި ހަފުތާތެރޭގައި 50 ހަކަށް ގައިދީއަކު ދޫކުރާއިރު އޭގެތެރެއިން 21 ގައިދީއަކު ވަނީ މަނާ ބޭހަށް ޕޮޒިޓިވްވެފަ އެވެ.

ސަރުކާރު ކުންފުނިތަކުން ވަޒީފާ ދީ އަދި އެކޮމޮޑޭޝަން ވެސް ހަމަޖައްސާގޮތަށް ޖަލުން ނެރޭ ގިނަ ގައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކޮށްފައިވާ މީހުންކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.