06 Dec 2017, 08:57
ގުދުސަކީ އިސްރާއިލުގެެ ވެރިރަށް ކަމަށް އެމެރިކާއިން މިއަދު ކަނޑައަޅާނެ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގުދުސްއަށް އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީވެސް ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމްބަސީ ބަދަލުކުރުމަށް ދުވަސް ނަގާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ކަނޑައަޅައި އެކަން އިއުލާނު ކުރާނީ މިއަދު ޖީއެމްޓީ ގަނޑިން 18:00 (ރާއްޖޭ ގަޑިން 23:00)ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ނިންމުމަކީ މެދުއިރުމަތީގެ ސަލާމަތާ ގުޅުންހުރި ކަމެއް ކަމަށް އެ ސަރަހައްދުގެ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޓްރަމްޕް ވަނީ ފަލަސްތީނުގެ ރައީސް އަށާއި، އުރުދުން އަދި މިސްރުގެ އިސްވެރިންނަށް ފޯނުން ގުޅުއްވައި، އިސްރާއިލުގެ ވެރިރަށަކީ ގުދުސްކަމަށް ކަނޑައަޅާނެކަމަށް ވިދާޅުވެފައެވެ.
އިސްރާއިލަކީ ވަކި ދައުލަތެއްކަމަށް އެންމެ ފުރަތަމަ ބަލައިގަތް ގައުމަކީވެސް އެމެރިކާއެވެ. އެއީ 1948 ވަނަ އަހަރުއެވެ.