06 Dec 2017, 08:40
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ފަހަތުން ޔުވެންޓަސް ވެސް ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު 'ގްރޫޕް ޑީ'ގެ މެޗުގައި އޮލިމްޕިއާކޯސް ޕިރާއުސް އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ޔުވެންޓަސް ވަނީ މޮޅުވެފައެވެ.
އެ މެޗުގެ ފުރަތަމަ 15 މިނެޓްގެ ކުޅުން ނިމުމުގެ ކުރިން ޔުވެންޓަސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބްރެޒިލް ފުލް ބެކް އެލެކްސް ސެންޑްރޯ ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކޮލަމްބިއާ މިޑްފީލްޑަރު ހުއާން ކުއަޑްރާޑޯ އެވެ.
މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ޖަރުމަން މިޑްފީލްޑަރު ސެމީ ކެޑީރާ ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިޓަލީ ފޯވަޑް ފެޑެރިކޯ ބާނާޑޭޝީ އެވެ.
އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ބާސާ އިން ވަނީ ސްޕޯޓިންގެ މައްޗަށް ކުރި ހޯދައިފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ބާސާ މޮޅުވެފައި ވަނީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
ލިއޮނެލް މެސީ ފުރަތަމަ އެގާރައިގައި ނުހިމަނައި ބާސާއިން ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން އާންމުކޮށް ފެންނަ އެންމެ ވަރުގަދަ ކުޅުން ފެނިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ބާސާ އިން ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ މެޗުގެ 59 ވަނަ މިނެޓުގައެވެ. ޑެނިސް ސުއަރޭޒް ނަގައިދިން ހުރަހަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން ފޯވަޑް ޕަކޯ އަލެސެޔާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސްޕޯޓިންގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާ އަކުންނެވެ.
ބާސާގެ ޓީމުން މެސީ ފެނިގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައި އެލެކްސް ވިޑާލްގެ ބަދަލުގައެވެ. އޭނާ ކުޅެން ނުކުތުމާ އެކު ބާސާގެ ކުޅުން އިތުރަށް ވަރުގަދަވެ، ދެ ވަނަ ހާފުގެ އިތުރު ވަގުތު ކޮޅު ތެރޭގައި އެ ޓީމުން ލީޑު ފުޅާކުރިއެވެ. އެ ލަނޑަކީ ބާސާގެ ކުރީގެ ޑިފެންޑަރު ޖެރެމީ މެތިއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެ ގްރޫޕުގެ އެއް ވަނައިގައި ނިންމާލި ބާސާ އަށް 14 ޕޮއިންޓް ލިބުނު އިރު، ދެ ވަނަ ހޯދި ޔުވެންޓަސް އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްޕޯޓިންއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް އޮލިމްޕިއާކޯސްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.