08 Aug 2011, 11:40
ތިނަދޫގެ ނަމަށް "ހަވަރު" އިތުރުކުރަން ހުށަހެޅި މައްސަލައިގާ ގޮތެއް ނިންމުމަށާއި ތިނަދޫއާއި ގުޅޭ މައްސަލަތަކުގައި މަޝްވަރާ ކުރަން ކެބިނެޓް ޖަލްސާއެއް ތިނަދޫގައި ބާއްވަން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ ތިނަދޫގެ ނަމާއި މެދު ގޮތެއް ނިންމުމަށް ބާއްވާ ކެބިނެޓް ބައްދަލުވުން ބާއްވާނީ ތިނަދޫގައި ކަމަށާއި އެ ބައްދަލުވުން މި މަހުގެ 23 އަށް ޝެޑިއުލްކުރެވި އިދާރީ އިންތިޒާމް ވެސް ހަމަޖެހި ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރޯދަމަސް ކަމަށް ވުމުން އެ ތާރީހަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ރޯދަމަސް ކަމަށްވުމުން ދަތުރުފަތުރު ކުރަންޖެހުމާއި، މި ކަންކަމާއިހުރެ އެ ބައްދަލުވުން ބާއްވަން އޮތް ދުވަހަށް ބަދަލު އައިސްފާނެ. އިދާރީ އިންތިޒާމްތައް ވެސް 23 ވަނަ ދުވަހަށް ހަމަޖެހިނިމިފައި ހުރީ. އަދި އެކަމަށް އޮތީ ގޮތެއް ކަނޑަނާޅުއްވާ. އޭގެ ކުރިން ރައީސް ގޮތެއް ނިންމަވައިފިއްޔާ އެދުވަހު އެރަށުގައި އެ ބައްދަލުވުން އޮންނާނެ،" ޒުހައިރު ވިދާޅުވި އެވެ.
ތިނަދޫގެ ނަމުން ހަވަރު ކަނޑައިލިތާ 32 ހަކަށް އަހަރު ފަހުން ތިނަދޫގެ ނަން ހަވަރުތިނަދުއަށް ބަދަލުކުރުމަށް އެރަށު ކައުންސިލުން ރައީސްއަށް ހުށަހެޅުމާއި އެކު ރައީސްގެ ހާއްސަ ވަފުދެއް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށްފަ އެވެ.
ޒުހައިރު ވިދާޅުވީ އެ ވަފުދުގެ ދިރާސާ ރިޕޯޓް މިއަދު ލިބިފައިވާކަމަށާއި އެ ރިޕޯޓް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.