06 Dec 2017, 09:30
ޔޫއެފާ ޗެމްޕިއަންސް ލީގުގެ 'ގްރޫޕް ސީ'ގެ އެއް ވަނަ ރޯމާ އިން ހޯދި އިރު، ޗެލްސީން ދެ ވަނައިގައި ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ.
ޗެލްސީގެ ދަނޑުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
އެ މެޗުގައި ޗެލްސީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ޑޭވިޑް ޒަޕަކޮސްޓާއާއި އެޑެން ހަޒާޑް އަދި އަލްވާރޯ މޮރާޓާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އެ މެޗުގެ 56 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފައެވެ. ފެނާންޑޯ ޓޮރޭޒް ބޮލުން ޖައްސާލި ބޯޅައަކުން އެތުލެޓިކޯއަށް ލީޑު ހޯދައިދިނީ ސައުލް ނިގޭޒް އެވެ. ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސައުލްއަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 75 ވަނަ މިނެޓުގައެވެ. އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު، ހަޒާޑް ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައި ވަނީ އެތުލެޓިކޯގެ ޑިފެންޑަރު ސްޓެފަން ސަވިޗް އަތުން ބައިކޮޅަށެވެ.
އެ ލަނޑަށް ފަހު، ޗެލްސީއަށް ލީޑު ހޯދުމަށް ވެސް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މޮރާޓާ އާއި ވިލިއަން އަދި މިޝީ ބަޓްޝުއާއީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
އެ ގްރޫޕުގެ އަނެއް މެޗުގައި ރޯމާއިން ވަނީ ގަރަބާޖްގެ މައްޗަށް ކުރި ހޯދައިފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ރޯމާ މޮޅުވެފައި ވަނީ 1-0 ލަނޑުގެ ހަނި ތަފާތަކުންނެވެ. އެ މެޗުގައި ރޯމާ އިން ކާމިޔާބުކުރި ލަނޑު، މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޑިއޭގޯ ޕެރޯޓީ އެވެ.
'ގްރޫޕް ސީ'ގެ އެއް ވަނައިގައި އޮތް ރޯމާ އާއި ދެ ވަނައިގައި އޮތް ޗެލްސީއަށް ވެސް ލިބިފައި ވަނީ 11 ޕޮއިންޓެވެ. އެތުލެޓިކޯއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ގަރަބާޖްއަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.